ކުޅިވަރު

އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ސާއިދު ވާދަކުރަނީ


މިމަހު ފެށުމަށް ހަމަޖެހިފައިވާ 7ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ
ފައިނަލުން ޖާގައެއް ހޯދުމަށް އުއްމީދު ކުރާ ކަމަށް އެތުލެޓިކްސް ޓީމްގެ ކޯޗް
އަހުމަދު ފާއިލް ބުނެފިއެވެ.



ދޯހާގައި ބާއްވާ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ
އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ސާއިދު ވާދަކުރާ ފުރަތަމަ
ފަހަރެވެ.



ޓީމްގެ ކޯޗް ފާއިލް ބުނީ މިއީ އަނެއްކާވެސް ލިބުނު ރަނގަޅު ފުރުސަތެއް
ކަމަށާއި، މިހާރު ވިސްނުން ހުރީ މިމުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމަށް
ކަމަށެވެ.



" ވަރަށް ބޮޑު އުއްމީދެއް އެބައޮތް މިޗެމްޕިއަންޝިޕަށް. މިހާރުވެސް
ޓާގެޓް ކަނޑައަޅައިގެން މަސައްކަތް މިކުރަނީ. މުސްތަޤްބަލްގައި ސާއިދުއެކޭ
އެއްގޮތައް ދެންތިބި ޒުވާން އެތްލީޓުންނަށްވެސް ރަނގަޅު
ފުރުސަތުތަކެއް ލިބިގެންދާނެ" ފާއިލް ބުންޏެވެ.



ސާއިދުވަނީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ދެ ރިހި މެޑަލް
ހޯދަދީފައެވެ. މީގެ އިތުރުން އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްގައި ސާއިދުވަނީ ރާއްޖެއަށް ރަންމެޑަލްއަކާއި، ރިހި މެޑަލްއެއް
ހޯދަދީފައެވެ.