ޚަބަރު

އިމުގެ މައްސަލާގައި ދޫދެވެން ނެތްކަމަށް މޮރިޝަސްއަށް ވަނީ އަންގާފަ: ފޮރިން މިނިސްޓްރީ


ޗާގޮސްގެ މައްސަލައާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ހުށައަޅާ ގަރާރަށް ރާއްޖެއިން ދެކޮޅު ނުހެދިނަމަވެސް، ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަށް ރާއްޖޭން މޮރިޝަސް އަށް ދޫނުދޭނެކަން އެޤައުމުގެ ސަރުކާރަށް އަންގާފައި ވާނެކަމުގައި ފޮރިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ 1965 ވަނަ އަހަރު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، 21 ސެޕްޓެމްބަރު 1965ގައި އދ.ގެ މެންބަރަކަށްވުމަށްފަހު، ބައިނަލްއަޤްވާމީ ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރަކުންވެސް އަޑުއުފުލާފައިވާ ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެމުން އައިސްފައިވާ، ދެގޮތެއްނުވާ ކޮންސިސްޓަންޓް ސިޔާސަތުކަމަށެވެ. މިގޮތުގެ މަތިން ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން ލިބުމަށްފަހު ދުނިޔޭގެ އެކި ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ހުރި އެތައް ގައުމެއް މިނިވަންވެ، އދ.ގެ މެންބަރުންގެ ގޮތުގައި މިއަދު އެބަތިބިކަމަށާއި، އަދި އެހުރިހާ މައްސަލަތަކަކަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރުތަކަކުން ވަނީ ތާއީދުކޮށްފައިކަމަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ދެކުނަށް އޮތް ޗާގޮސް އާކިޕެލާގޯއަކީ އެ ރަށްރަށުގައި ތިބި މީހުން އެތަނުން ބާލައި އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެއްކަމަށެވެ. އެއީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމުގައި ބުނެ މަޝްވަރާކުރެވެމުން އަންނަތާ އެތައް އަހަރުތަކެއް ވުމަށްފަހު، 2017 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މި މައްސަލައާ ބެހޭ އިސްތިޝާރީ ލަފައަކަށް އެދުނުކަމަށެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ގައި ކަނޑައަޅާފައިވަނީ ޗާގޮސް އާކިޕެލާގޯއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމުގައެވެ.

މިގޮތަށް މި އިސްތިޝާރީ ލަފައާ ގުޅުވައި މޮރިޝަސްއާއި އެފްރިކާގެ ޤައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގެ (ނޮން އެލައިންޑް މޫވްމަންޓް) ގައުމުތަކާ ގުޅިގެން 22 މެއި 2019 ގައި އދ.ގެ ޢާންމު މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައެވެ. މި ގަރާރުގައި 6 މަސް ދުވަހުގެ ތެރޭގައި ޗާގޮސް އާކިޕެލާގޯ މޮރިޝަސްއާ ހަވާލުކުރުމަށް ވަނީ ގޮވާލާފައެވެ. އެ ޤަރާރަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އެހުމުން، ދިވެހިރާއްޖެއިން ވަނީ އެ ޤަރާރާ ދެކޮޅަށް ވޯޓުދީފައެވެ. 2019 ވަނަ އަހަރުގެ އެ ގަރާރަށް ދެކޮޅަށް ވޯޓުދިނީ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީ.އެލް.ސީ.އެސް) އަށް 26 ޖުލައި 2010 ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ގުޅުމަށާއި ރާއްޖެ މިނިވަން ވީއްސުރެ އދ.ގެ އާންމު މަޖިލީހުގައި ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް، އެފަދަ ޤައުމުތަކަށް ތާއީދުކުރުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކޮންސިސްޓެންސީ ހިފެހެއްޓޭނެ ގޮތްކަމުގައި ފެންނާތީ، އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965ގެ ނަމުގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅޭ ގަރާރުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ޤައުމުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއްކަމަށާއި، އެއީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫންކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގައި ޗާގޮސްގެ މައްސަލައާ ގުޅޭގޮތުން ގަރާރެއް ހުށަހަޅައިފިނަމަ، އެ ގަރާރަށް ވޯޓުދިނުމުގެ ކުރިން "އެކްސްޕްލެނޭޝަން އޮފް ވޯޓް" ގެ ފުރުޞަތުގައި، އެ ގަރާރަކަށް ދެކޮޅު ނުހެދުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެއް ކަމުގައި ބުނުމަށް ނިންމައި، އެކަން މޮރިޝަސްގެ ސަރުކާރަށް އަންގަފައިވާކަމަށެވެ.