ޚަބަރު

އިނގިރޭސިވިލާތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވޭ: ރައީސް


އިނގިރޭސި އާ ބޮޑުވަޒީރު ރިޝީ ސުނަކްގެ ޒައާމަތުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުކަން ސުނަކުއަށް ލިބިވަޑައިގަތުމާ ގުޅިގެން ރިޝީ ސުނަކަށް މަރުހަބާ ދަންނަވާ ކުރެއްވި ޓުވީޓެއްގައެވެ. ރައީސްގެ ޓުވިޓްގައި ވިދާޅުވީ އިނގިރޭސިވިލާތަށް ހެޔޮ ބަދަލުތައް ގެންނެވުމަށް ސުނަކު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ވެގެން ދިއުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ދެ ޤައުމަށް މުހިއްމު މައްސަލަތަކުގައި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް އުއްމީދު ކުރައްވާ ކަމަށެވެ.

އުމުރުން 42 އަހަރުގެ ރިޝީ ސުނަކަށް އިނގިރޭސި ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި ޕާޓީގެ ތެރެއިން ބޮޑުވަޒީރު ކަމަށް ހުޅުވާލި ފުރުސަތުގައި އޭނާއާ ވާދަކުރެއްވުމަށް ތިއްބެވި ބޭފުޅުން އެ ފުރުސަތު ދޫކޮށްލެވުމާ ގުޅިގެން ވާދަވެރި އިންތިޚާބަކަށް ނުގޮހެވެ.

ސުނަކް ވެވަޑައިގެންފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ހިންދޫ އަދި ދޮން ނަސްލު ނޫން އެހެން ނަސްލެއްގެ ފުރަތަމަ ބޭފުޅާ އަށެވެ. ސުނަކް ވެވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަ އަހަރުގެ ތެރޭގައި ހަވާލުވެވަޑައިގަންނަވާ ފަސް ވަނަ ބޭފުޅާއަށެވެ.