ޚަބަރު

ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދެއް ނުގެއްލޭނެ: ޕްރޮފެސަރ ޕަޔަމް


ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ނިންމުމަކުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށާއި، މޮރީޝަސްއާއި އެއްކޮޅަަށް އެރުމަކުން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮފެސަރ ޕަޔަމް އަޚަވަން ވިދާޅުވީ މި މައްސަލާގައި ދެ ޤައުމަށް އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ދެ ޤައުމުގެ އިޤްތިސާދީ ސަރަޙައްދު ފުށުއަރާ ހިސާބު ބަހާނެ ގޮތަކާ މެދުގައި ކަމަށެވެ.

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ރާއްޖޭގެ ނިންމުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގަތް، އިންޓަނޭޝަނަލް މެރިޓައިމް ލޯގެ ޕްރޮފެސަރެއް ކަމަށްވާ ޕަޔަމް ވިދާޅުވީ ކޮންމެ ގޮތަކަށް މައްސަލަ ނިމުނުކަމުގައި ވިޔަސް ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދެއް ނުގެއްލޭނެ ކަމަށެވެ. މި މައްސަލާގައި އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން ޕަޔަމް ވިދާޅުވީ ޚިޔާލު ތަފާތުވާ ސަރަހައްދު ބަހަން ޖެހިގެން އުޅެނީ ރާއްޖޭން އދ. ގައި ވޯޓު ދޭ ގޮތެއްގެ ސަބަބުން ނޫންކަމަށެވެ. އަދި އިމުގެ މައްސަލަ ހައްލުކުރަން ޖެހެނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން އިނގިރޭސި ވިލާތުގެ ބަދަލުގައި މޮރިޝަސް އަށް ކަނޑުގެ ސިޔާދަތީ ބާރު ދިނުމުން ކަމަށްވެސް ޕްރޮފެސަރ ޕަޔަމް ވިދާޅުވިއެވެ.

"ފުށުއަރާ ސަރަހައްދު އެއްކޮށް ރާއްޖެއަށް ލިބެންޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށާއި އެކަމަކު އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން." ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވިއެވެ.


ޕަޔަމް ވިދާޅުވީ މި މައްސަލަ ހައްލު ނުވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުގައި ބުނާ ގޮތަށް ކޮންމެ ގައުމެއްގެ އައްސޭރިފަށުން 200 މޭލު ގުނާއިރު ފުށުއަރާ ހިސާބު ބެހުމުގައިކަމަށެވެ. އަދި އެއާއި ހިލާފަކީ މޮރިޝަސްގެ ބްލެމެން ރީފުން ފެށިގެން އެ ގައުމުން މިން އަޅަން ބޭނުންވާއިރު ރާއްޖޭން އެކަމާ ދެކޮޅުހެދުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕްރޮފެސަރު ވިދާޅުވީ މިން އަޅަން ފަށަން ޖެހޭނީ ހިކިފަސް ރަށަކުން ފެށިގެން ކަމަށް ވާއިރު ބްލެމެން ރީފަކީ ހިކި ދިޔާގައި ނޫނީ ނުވެސް ފެންނަ ތަނަކަށް ވުމުން އެއީ ރަށެއްގެ ގޮތުގައި ޓްރައިބިއުނަލުން ބަލައިނުގަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެއްވޭ ކަމަށެވެ.

"މިއީ ފުޓްބޯޅަ މެޗެއްގައި އޮންނަ ގޮތަށް އެއްބަޔަކު މޮޅުވެ، އަނެއް ބަޔަކު ބަލިވާ ގޮތަށް އޮންނަ ކަމެއް ނޫން. މިކަހަލަ މައްސަލަތަކުގައި ޓްރައިބިއުނަލް އިން ކޮންމެވެސް ވަރަކަށް ކޮމްޕްރަމައިޒްކޮށްގެން ދެ ފަރާތަށް ވެސް އެ ބަޔަކު އެދޭ ގޮތަކަށް ކަންތައްތައް ކޮށްދެވޭތޯ ބަލާނެ. އެއްވެސް ބަޔަކަށް ހުރިހާ އެއްޗެއް ނުލިބޭނެ،" ޕްރޮފެސަރު ޕަޔަމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް ނުވަތަ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ރާއްޖެއާއި ފުށޫއަރާކަމަށް ބުނާ މައްސަލައިގައި މޮރިޝަސްއިން އެދޭ ގޮތަށް ދޫނުދޭން ނިންމެވީ ވަކި ޤައުމެއްގެ ނުފޫޒެއް އޮވެގެން ނޫންކަމަށެވެ. އެއީ ދިވެހި ސަރުކާރުގެ އަމިއްލަނިންމުމެއްކަމަށްވެސް މިޢުވާން ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާ އޮންނަ ގުޅުން ހީނަރުވެގެން ނުދާނެކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި ވަނީ، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ޙަވާލުކުރަންޖެހޭ ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ، އެ ނިންމުމާ ގުޅުވައިގެން އދ ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަމަށެވެ. އަދި އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުންއައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫންކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.