ޚަބަރު

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ކުރިން މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަޤާމަށް ނަން ހުށައެޅުމަށް ހުޅުވާލީ މިމަހުގެ 23ގެ ނިއަލަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އަންނަމަހުގެ 2ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 14 ވަނަދުވަހަށް ހަމަވާތީކަމަށެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލުކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޚާބުވި 6 މެމްބަރެއްގެއެވެ. އާއްމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ.

އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް އިންތިޚާބު އޮންނާނެ ދުވަހެއް ހޯމް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މީޑިއާ ކައުންސިލަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަންތަނެއްކަން ކަށަވަރުކުރުމަށް މަސައްކަތްކުރާއިރު، އެ ކައުންސިލަށް މެމްބަރުން އައްޔަންކުރުމަށް ލާވޯޓުގައި ބައިވެރިވެވޭ ގޮތާއި މެދު މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިކަން ހައްލުކުރުމަށް ގެނައި އިސްލާހުގައިވާ ގޮތުން މީޑިއާ ކައުންސިލުގެ އިންތިޚާބަށް އިޢުލާންކުރާ ތާރީޚުގެ ކުރިއަށް މަދުވެގެން އެއް އަހަރުގެ މުއްދަތުގައި، ހަމަޖެހިފައިވާ އުޞޫލުން ނެރެމުންނުދާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް އެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަދި މިއިންތިޚާބަށް އިޢުލާން ކުރާ ތާރީޚާއި އެ ތާރީޚުގެ ކުރިއަށް 6 މަސްދުވަހާއި ދެމެދުގެ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް ވެސް އެ ފުރުސަތެއް ނޯވެއެވެ.

މީގެ އިތުރަށް އެ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕީއެސްއެމްގެ މީޑިއާތައް ފިޔަވައި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މުވައްސަސާތަކުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން ހިމެނެއެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ކައުންސިލުގެ މެންބަރުން އިންތިޚާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އިންތިޚާބެއްގައި ވޯޓުދީގެންނެވެ. ކައުންސިލުގެ ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 28 އޭޕްރީލް 2010 ގައެވެ.