ޚަބަރު

ވަކީލުކަމުގެ ހާއްސަ ހުއްދަ އޮތް މީހުންނަށް، ބާ އިމްތިހާނު ދެން ހަދާކަށް ނުޖެހޭނެ


މިހާރު ޤާނޫނީ ވަކީލު ކަމުގެ ވަގުތީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް، ބާ އިމްތިހާނު ނުހަދައި ޤާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ލިބިދެވޭ ގޮތަށް ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގު ކުރައްވައިފިއެވެ.

މި ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙު ތަކުގެ ތެރޭގައި ހިމެނެނީ، ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާކައުންސިލުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ބާކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުމާއި، ޤާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމަށެވެ.

މި ބިލު ތަސްދީޤު ކުރުމާއެކު، މިހާރު ޤާނޫނީ ވަކީލު ކަމުގެ ވަގުތީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބާ އިމްތިހާނު ނުހަދައި ޤާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ލިބުމުގެ މަގު ފަހިވީއެވެ. މީގެ އިތުރުން ބާ ކައުންސިލަށް ސުލޫކީ މައްސަލަ ބެލޭ ދާއިރާތައް ފުޅާކޮށް އަމިއްލަ އިސްނެގުމުގައި ވެސް މައްސަލަ ބެލޭނެ ގޮތް މި ޤާނޫނުން ފަހިކޮށްދީފައިވެއެވެ. އެގޮތުން ބާ ކައުންސިލުން އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުމުގެ އިތުރަށް ވަކީލުންގެ މިފަދަ މައްސަލައެއް ކޮންމެ މީހަކަށް ވެސް ބާ ކައުންސިލަށް ހުށަހެޅިދާނެކަމަށްވެސް އައު އިޞްލާހުގައިވެއެވެ.

ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ބާ ކައުންސިލް ގާނޫނީ ގޮތުން ބާރުވެރިކުރުވާ މާލީ ހަރުދަނާކަން އިތުރުކުރާނެ ކަންކަން ވެސް ހިމަނާފައިވެއެވެ. މިހާރު އޮންނަގޮތުންނަމަ މާލީ ގޮތުން ބާ ކައުންސިލް ބާރުވެރިކުމަށް މިހާރު ގާނޫނުގައި ހިމެނެނީ ވަރަށް މަދު ކަންކަމެވެ. ނަމަވެސް މި އިސްލާހާއި އެކު ޖުމްލަ ހަތް ކަމެއްގެ ތެރެއިން ފައިސާ ހޯދުމުގެ އިހްތިޔާރު ބާ ކައުންސިލަށް ލިބިދެއެވެ.

މީގެ އިތުރަށް މާލީ އޮނިގަނޑު ހަރުދަނާކުރުމަށް ވެސް ތިން އިސްލާހެއް ހިމަނާފައިވެއެވެ. އެއީ ކޮންމެ މީލާދީ އަހަރެއް ފެށުމުގެ ކުރިން، އެ އަހަރަކު ލިބޭނެ އާމްދަނީއާއި ކެޕިޓަލް އަދި ރިކަރަންޓް ހަރަދުތައް ވަކިން އެނގޭނެހެން ބަޖެޓު ތައްޔާރުކުރުމަށްފަހު ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ފާސްކުރުން ހިމެނެއެވެ. އަދި ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރުމާއި، ގާނޫނުގެ ދަށުން ހަދާ ގަވައިދަކާ އެއް ގޮތަށް ފައިސާ ޚަރަދުކުރުންވެސް މި އިޞްލާހުގައިވެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމުން ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފައެވެ.