ޚަބަރު

ރާއްޖެއިން މަސައްކަތްކުރަނީ ފޯޅަވަހި ރާއްޖޭގެ ބައެއްގެ ގޮތުގައި ހިމެނުމަށް: މެންބަރުން


ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން މިހެން ވިދާޅުވީ މިމައްސަލާގައި މަޖިލީހަށް އިދިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަކައަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝިއަސް އިން ކުރާ ދައުވާ އެޤައުމާއި އެއްކޮޅަށް ނިމިއްޖެނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާތީ، ސަރުކާރުން މިކަމުގައި މީގެ ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުވި ސަބަބު ސާފުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި މައްސަލައެކެވެ. މިމައްސަލާގައި އާދަމް ޝަރީފް ވިދާޅުވީ މޮރިޝަސް ކޮޅަށް މިމައްސަލަ ނިމިއްޖެނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލިގެން ދާނެކަމަށެވެ.

މިމައްސަލައިގެ ބަހުސްގައި ވާހަކަ ދައްކެވި ގިނަ މެމްބަރުން ވަނީ މިމައްސަލަ މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭހެން ކޮމެޓީއެއް އެކުލަވާލައި މައްސަލަ ދިރާސާކުރުމަށް ތާއީދު ކުރައްވާފައެވެ. މިމައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގެ ބިމުންވެސް، ކަނޑުންވެސް ވެލިފުކެއްގެ މިންވަރުވެސް ދޫކޮށްލުމަކީ ރާއްޖޭގެ އެއްވެސް ސަރުކާރަކުން ކުރާނެ ކަމެއްނޫންކަމަށެވެ. އަދި އަމުދުން މިސަރުކާރުން އެޖާގަ ނުދޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރާއްޖޭގެ ބިމުން އެންމެ ވެލިފުކެއްވެސް ދޫކޮށްލާކަށް ދިވެހި ސަރުކާރަކުން ނުދޭނެ. އަދި އަމުދުން މިސަރުކާރުން އެޖާގަ ނުދޭނެ. މިދިމާވެގެން އުޅޭ މައްސަލައަކީ އޮޅޮވާލުމުގޮތުން ވާހަކަ ދައްކުން. ހަގީގަތަކީ ފޯޅަވަހި ރާއްޖޭގެ ބައެއްގެ ގޮތުގައި ހިމެނުމަށް އެއްވެސް ބަޔަކު މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ." އަސްލަމް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިމައްސަލާގައި ހައްގު ހޯދުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކޮށް މިއަދު އެމަސައްކަތް ކުރުމުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. ދިވެހިރާއްޖޭގެ އުތުރުގެ ބައުންޑަރީ ކަނޑައެޅި ނަމަވެސް ދެކުނުގެ ސަރަހައްދީ ބައުންޑަރީ ކަނޑަނޭޅި އޮތުމަކީ ގަބޫލު ކުރަންޖެހޭ ހަގީގަތެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި މިސަރުކާރުން މިކުރާ މަސައްކަތަކީ މިހައްގު ހޯދުމަށް ޔޫއެންގައި އެއްބަސްވި ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުންކަމަށެވެ.

"ދިވެހިރާއްޖެ ކޮލަނައިޒޭޝަންއާއި ދެކޮޅަށް 1965 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން މިއަންނަނީ، އަދި މިހާތަނަށް އެއާއި ދެކޮޅަށް، އެނޫން ގޮތަކަށް ޔޫއެންގައި ވޯޓު ލާފައި ނުވޭ. ޔޫއެންގައި ވޯޓުލައި ވަރަށް ސާފުކޮށް ބުނެފައިވަނީ އަޅުގަނޑުމެންގެ ބައުންޑަރީއާއި ދޭތެރޭ އިނގިރޭސީންގެ އަތުން ނަގާފަ މޮރިޝަސްއާއި ހަވާލު ކުރުމާއިއޭ ދެކޮޅު މިހަދަނީ. އެއްގޮތަކަށްވެސް މޮރިޝަސްގެ ތަނެއް ނޫނެކޭ އެއީއެކޭ ކިޔާފައެއް ނޫނޭ. އަޅުގަނޑުމެންގެ އެއްވެސް މީހަކީ މިފަސްގަނޑު އެންމެ ވެލިފުކެއްވެސް ދޫކުރާނެ މީހެއްނޫން. އަދި މިސަރުކާރުން އެކަމަށް ޖާގަ ނުވެސްދޭނެ" ރޮޒައިނާ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކެވި މެމްބަރުން ވަނީ މިމައްސަލަގައި ހުރި ކަންބޮޑުވުންތައް ސަރުކާރުން ހާމަކޮށްދޭންޖެހޭކަމަށް ވިދާޅުވެފައެވެ. ބައެއް މެމްބަރުން ވަނީ މިމައްސަލާގައި މިހާތަނަށް ސަރުކާރުން ކަން ހިނގާގޮތް ހާމަކުރަމުން ދާކަމަށާއި، މިކަމުގައި ހަގީގަތް އޮޅޭގޮތަށް ރާއްޖޭގެ ބައެއް ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއްނެތް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަމަށެވެ.

މިމައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުންގެ ޚިޔާލު ތަފާތުވުންތަކެއް ހުރުމުން މިކަމުގައި ސަރުކާރުގެ ސިޔާސަތާއި ސަރުކާރުން ދެކޭގޮތް ހާމަކުރުމަކީ މުހިންމު ކަމެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މިމައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަން އެދޭ ހުރިހާ މެމްބަރުން ވާހަކަ ދައްކައި ނިމެންދެން ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.