ޚަބަރު

ކުވެއިތު ފަންޑުން ތަރައްޤީކުރާ ހޮސްޕިޓަލުތައް އަލުން ބީލަމަށް


ކުވެއިތް ފަންޑުގެ އެހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކުގެ މަސައްކަތް އަލުން ބީލަމަށް ހުޅުވާލަންޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. "ދަ ކުވެއިތް ފަންޑް ފޮރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް"ގެ އެހީގައި ރާއްޖޭގެ 7 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ފައިސާވަނީ ހަމަޖެހިފައެވެ.

ކުވެއިތު ފަންޑުގެ އެހީގައި ތ.ވިލުފުށީގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތްތަކާއި ގުޅޭގޮތުން އެދާއިރާގެ މެމްބަރު ހަސަން އަފީފް މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވީ ކުވެއިތު ފަންޑުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކުގެ ބީލަމަށް ހުށައަޅާފައިވާ އަގުތަކަކީ މަޝްރޫޢުތަކަށްވުރެ ބޮޑެތި އަގުތަކެއްކަމަށެވެ.

އެހެންކަމުން އަލުން މިމަޝްރޫޢުތައް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަން ކުވެއިތު ފަންޑަށް އަންގާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިހުރިހާ ހޮސްޕިޓަލްތަކާއެކު ވިލުފުށީގެ ހޮސްޕިޓަލްގެ ބީލަންވެސް އަލުން ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދި އެއްވެސް ފަރާތަކަށް ބިޑް ކާމިޔާބުވީކަމަށް އަނގާފައެއް ނުވާނެ. ޓެންޑަރ ބޯޑަށް ހުށައަޅާފައިވާ ބިޑްތަކާއި ގުޅިގެން ޓެންޑަރ ބޯޑުން ނިންމާފައިވަނީ ލިބިފައިވާ އަގުތަކަކީ އިންޖިނިއަރުންގެ އެސްޓިމޭޓަށްވުރެވެސް ވަރަށް ބޮޑުތަކުން އަގުތަކެއްކަމަށް. އެހެންކަމުން އަޅުގަނޑުމެން ކުވެއިތު ފަންޑަށް އަންގާފައިވާނެ އަލުން މިމަޝްރޫޢުތައް ރީޓެންޑަރިންއަށް ހުޅުވާލުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މިމަޝްރޫޢުތަކަށް އަލުން ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ބީލަމަށް ހުޅުވާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. ކުވެއިތު ފަންޑުގެ އެހީގައި ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ 7 ރަށުގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލު ތަކެކެވެ. އެ ރަށްރަށުގެ ތެރޭގައި ހިމެނެނީ، ހދ.ހަނިމާދޫއާއި، ށ.މިލަންދޫއާއި، ނ.ވެލިދޫއާއި، ކ.ތުލުސްދޫއާއި، އދ.މާމިގިލީއާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުށީގައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ސިއްޙީ ފަރުވާދޭ ތަންތަނުގައި ވަޞީލަތް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރަމުންދާއިރު އިތުރު ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.