ޚަބަރު

ފުރަތަމަ ކުއާޓާރުގައި އެމް.އޭ.ސީ.އެލްއަށް 595 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް


މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި 595 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެެވެ.

ޕްރައިވެޓައިޒޭޝަން އެންޑު ކޯރޕުރަޓައިޒޭޝަން ބޯޑުން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ "ކުއާޓަރލީ ރިވިއު" ރިޕޯޓުގައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތުތައް ބަޔާންކޮށްފައެވެ. އެގޮތުން ސަރުކާރު ހިއްސާވާ 30 ކުންފުންޏެއްގެ މާލީ ހާލަތު ވަކިވަކިން ވަނީ މި ރިޕޯޓުގައި ހިމަނާފައެވެ.

ރިޕޯޓުގައި އެމް.އޭ.ސީ.އެލްގެ މާލީ ހާލަތާއި ގުޅޭގޮތުން ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 595 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާރާއި އަޅާބަލާއިރު 39 އިންސައްތަ އިތުރު އަދަދެކެވެ.

"ކުއާޓަރލީ ރިވިއު" ރިޕޯޓުގައިވާ ގޮތުން އެކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ އިތުުރުވެފައިވަނީ، ތެލުގެ ޑިމާންޑާއި ތެލުގެ އަގުވުމުގެ ބޮޑުވުމުގެ ސަބަބުން ޖުމްލަ އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު، އެމް.އޭ.ސީ.އެލްއަށް މިއަހަރުގެ ފުރަތަމަ ކުއާާރަުގައި ލިބިފައިވާ އާމްދަނީ ވަނީ 11 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި އެމް.އޭ.ސީ.އެލްއަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓުން ދައްކައެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްރޮސް ޕްރޮފިޓް މާރޖިން ނުވަތަ ކުންފުންނީގެ ހިންގުމުގެ ފައިދާ ވަނީ %35 އިންސައްތަ އިތުރުވެފައިކަމަށް އެރިޕޯޓުގައިވެއެވެ. މީގެން ދައްކައިދެނީ އެކުންފުނީގެ އާމްދަނީ ރަނގަޅުވެ ވިޔަފާރީގެ ހަރަކާތްތައް ކުރިއެރާފައިވާ މިންވަރެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެމްއޭސީއެލްގެ ކޯވިޑް19ގެ ސަބަބުން އެކުންފުނީގެ އާމްދަނީ ވަނީ 2020 އަހަރު 98 އިންސައްތަ ދަށްވެފައެވެ. ނަމަވެސް މިދިޔަ އަހަރާއި މިއަހަރު އެމް.އޭ.ސީއެލުން ދަނީ އެކުންފުނީގެ ޙިދުމަތްތައް އިޔާދަ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 2019 އަހަރު 27 ހާހަށްވުރެ ގިނަ ބައިނަލްއަޤްވާމީ ފްލައިޓު ޖެއްސިއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 25 ހާހަށް މަތިކޮށް 2019 އަހަރާއި ބޮޑުތަނުން ގާތްކޮށްފައެވެ. އެތެރޭގެ އުދުހުންތަކަށް 2019 ވަނަ އަހަރުގައި 35 ހާސް ދަތުރު ކުރިއިރު، މިދިޔަ އަހަރު 23 ހާހަށް ވުރެ ގިނަ ދަތުރުތައްވަނީ ކޮށްފައެވެ.