ޚަބަރު

ހެކި ނައްތާލާ، ޖެކްލިން އިންޑިއާއިން ފިލަން އުޅުނު


މަނީ ލޯންޑްރިންގް މައްސަލައެއްގައި ތުހުމަތުކުރެވޭ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށާއި، ހެކި ނައްތާލަން މަސައްކަތްކޮށް އިންޑިއާއިން ފިލަންވެސް މަސައްކަތްކޮށްފައިވާ އެ ޤައުމުގެ އެންފޯސްމަންޓް ޑިރެކްޓަރޭޓް، އީޑީ އިން ކޯޓްގައި ބުނެފިއެވެ.

ހެކި ނައްތާލުމުގެ ގޮތުން އޭނާގެ ފޯނުން ހެކި ނައްތައުލަން މަސައްކަތްކޮށް، ތަހުގީގަށް ޖެކްލީން އެއްބާރުލުން އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށް އީޑީން ތަކުރާރުކޮށް ބުންޏެވެ. އީޑީން ބުނި ގޮތުގައި އޭނަގެ ޕާސްޕޯޓް ވެސް ހިފަހައްޓަން ޖެހުނީ ތަހުގީގުން ރެކުމަށްޓަކައި ފިލަން މަސައްކަތްކޮށްފައިވާތީއެވެ.

މި މައްސަލައިގައި ބަޔާން ނަގަން ހާޒިރުވާން ޖެކްލިން އަށް އަންގާފައި ވަނިކޮށް އޭނާ ފުރަން އެއާޕޯޓަށް ގޮސް ހުއްޓައި މީގެކުރިން ވަނީ ހުއްޓުވާފައެވެ. މަނީ ލޯންޑަރިން މައްސަލައެއްގައި ބޮލީވުޑް ތަރި ޖެކްލިން ފެނަންޑޭޒްއާއި ފުރަތަމަ ސުވާލުކުރަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެފަހުން އަދިވެސް އެ މައްސަލަ ގަނޑުން އަރައިގަނެވޭނެ ގޮތެއް ޖެކްލިންއަކަށް ނުވެއެވެ.

ސުކޭޝް ޗަންދުރަޝޭކަރް ކީޔާ މީހަކާ ގުޅުން އޮތް އެތައް ކްރޯޑް ރުފީސްގެ މި މައްސަލައިގައި، އީޑީން ވަނީ 5 ގަޑިއިރު ވަންދެން ޖެކްލިންއާ ސުވާލުވެސް ކޮށްފައިވެއެވެ. މީޑިއާތަކުން ބުނި ގޮތުގައި ކާމިޔާބު ބަތަލާއާ ސުވާލުކުރަނީ ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ހެކި ބަސް ހޯދުމުގެ ގޮތުން ކަމަށެވެ. ސުކޭޝްއާއި ޖެކްލިންއާ ދެމެދު އޮތް ގުޅުމެއް އޮތްކަން އީޑީ އިން މިހާރު ވަނީ ކަށަވަރުވެސްކ ކޮށްދީފައެވެ. އަދި އޭނަގެ ފަރާތުން ޖެކްލީން އަށް ބޮޑެތި އެތައް ހަދިޔާތަކެއް ވެސް ލިބިފައިވާ ކަމަށް އީޑީ އިން ބުނެއެވެ.

ސުކޭޝްގެ މައްޗަށް 200 ކްރޯޑް ރުޕީސްގެ މަނީލޯންޑްރިންގެ ތުހުމަތުކުރެވޭ އިރު، އޭނަ އާއި ޖެކްލިން ކައިވެނިކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ކިުރިން އެރި އެވެ. އަދި މި ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮތްކަމުގެ ވާހަކަތަކެއެއް ދުވަސްވަރު ސުކޭޝްއާ އެކީ ޖެކްލިން ނަގާފައިވާ ވަރަށް ގައިގޯޅި ފޮޓޯތަކެއް ވެސް ލީކްވެފައިވެ އެވެ.

ޖެކްލީން ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ ސުކޭޝް އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ޕާޓީ، އޭއައިއޭޑީއެމްކޭގައި ކުރިން އޮތް ވާދަވެރި ސަސީކަލާގެ ފެކްޝަންގެ ފަރާތުން ޕާޓީގެ ލޯގޯއެއް ހޯދަން އިލެކްޝަން ކޮމިޝަނަށް 2017 ގައި ރިޝްވަތު ދިންކަމުގެ ދައުވާ ވެސް އުފުލުނު މީހެކެވެ. އޭނާގެ މައްޗަށް ކުރެވޭ 200 ކްރޯޑް މަނީ ލޯންޑްރިންގެ މައްސަލައިގެ ތަގުގީގު ކުރިއަށްދާ އިރު މަކަރާއި ހީލަތުގެ އެތައް ތުހުމަތު ތަކެއް އޭނާގެ މައްޗަށް ކުރެއެވެ.

ބޮލީވުޑްގެ އޭ ލިސްޓުގައި ހިމެނޭ މަޝްހޫރު އެކްޓަރުންނާއެކު ގިނަ ފިލްމުތަކެއް ކުޅެފައިވާ އުމުރުން 37 އަހަރުގެ ޖެކްލީން ބޮލީވުޑަށް ތަޢާރަފުވީ 2009 ވަނަ ރިލީޒްކުރި ހިންދީ ފިލްމު "އަލާއްދީން" އިންނެވެ. އެހެންނަމަވެސް ބެލުންތެރިންގެ މެދުގައި އޭނާ އަށް މަޤުބޫލުކަން ލިބެންފެށީ 2011 ވަނަ އަހަރު ރިލީޒްކުރި ސައިކޮލޮޖިކަލް ތްރިލަރ "މާޑާ-2" އަށްފަހުއެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ރާމް ސެތޫ" އެވެ. އަންނަ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ސާކަސް" އަކީ ޖެކްލިންގެ ފިލްމެކެވެ.

އޭނާ މިހާރު އަންނަނީ އަރުޖުން ރާމްޕާލާއި ވިދުޔަތު ޖަމްވަލްއާ އެކީ "ކްރެކް" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.