ދުނިޔޭގެ ވިޔަފާރި

ވަރލްޕޫލްގެ ކާރުޚާނާއެއް އާޖެންޓީނާގައި ހުޅުވަން ނިންމައިފި


ގޭތެރޭގައި ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު އުފައްދާ ވަރލްޕޫލް ކޯޕަރޭޝަނުގެ ކާރުޚާނާއެއް އާޖެންޓީގައި ހުޅުވަން ނިންމައިފިއެވެ.

ވަރލްޕޫލްގެ ލެޓިން އެމެރިކާގެ ވެރިޔާ ޖޯއާއޯ ކާލޯސް ބްރެގާ ވިދާޅުވި ގޮތުގައި އާޖެންޓީނާގައި މި ކާރުޚާނާ ހުޅުވަން ނިންމީ އެތެރޭގެ އުފެއްދުންތައް %70 އަށް އިތުރުކުރުމުގެ ގޮތުން 52 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓަކަށްފަހުގައެވެ.

ގާތްގަނޑަކަށް 400 މަސައްކަތްތެރިން ވަޒީފާ އަދާކުރަން ހަމަޖެހިފައިވާ މި ކާރުޚާނާގައި ކޮންމެ އަހަރަކު 300000 (3 ލައްކަ) ދޮންނަ މެޝިން އުފައްދާއިރު، މައިގަނޑު ގޮތެއްގައި ބްރެޒިލް ހިމެނޭގޮތަށް ލެޓިން އެމެރިކާގެ އެކި ހިސާބުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ އުފެއްދުންތައް އެކްސްޕޯޓްކުރާނެއެވެ.

52 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓަކީ ދިގު މުއްދަތަކަށް ކުރާ އިންވެސްޓްމެންޓެއްކަމަށް ބްރެގާ ވިދާޅުވިއެވެ. އާޖެންޓީނާގެ މާލީ ޑެފިސިޓް ކުޑަކުރުމަށް އުނދަގޫވަމުންދާއިރު، އެ ގައުމުގެ އިންފްލޭޝަން މިއަހަރު ވަނީ %100 އަށް އަރާފައެވެ. އަދި އާޖެންޓީނާއިން އަންނަނީ މަރުކަޒީ ބޭންކުގެ ރިޒާވް ވަރުގަދަކުރުމަށް އެކްސްޕޯޓް އިތުރުކުރުމަށްވެސް މަސައްކަތްކުރަމުންނެވެ.

ބްރެގާ ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި %60 ރޯ މެޓީރިއަލް ލޯކަލް ސަޕްލައި ކުރާ ފަރާތްތައް މެދުވެރިކޮށް ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމެރިކާގައި ހުންނަ ވަރލްޕޫލް ކުންފުނިން 2021 ވަނަ އަހަރު ގާތްގަނޑަކަށް 22 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރިކަމަށް ރިޕޯޓްކޮށްފައިވާއިރު، އެކުންފުނީގައި 69000 މުވައްޒަފުން މަސައްކަތްކުރެއެވެ. އަދި 54 މެނުފެކްޗަރިން އަދި ޓެކްނޮލޮޖީ ރިސާޗް ސެންޓަރުވެސް ކުންފުނީގެ ދަށުން ހުރެއެވެ.

ވަރލްޕޫލްއިން އާޖެންޓީނާގައި ވިޔަފާރިކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ލެޓިން އެމެރިކާގައި ވިޔަފާރިކުރާތާ 60 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.