ދުނިޔެ

މިއީ އިންޑިޔާގައި އިންވެސްޓް ކުރުމަށް އެންމެ ރަނގަޅު ވަގުތު- މޯދީ


މި ދަނޑިވަޅަކީ އިންޑިޔާގައި އިންވެސްޓުކުރުމަށް އެންމެ އެކަށީގެންވާ ދަނޑިވަޅުކަމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.މުމްބާއީގައި "މޭކް އިން އިންޑިޔާ" ހަފްތާ ފައްޓަވާދެއްވަމުން، މޯދީ ވިދާޅުވީ އިންޑިޔާ އަކީ ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް މަރުޙަބާ ކިޔާ ޤައުމެއް ކަމަށެވެ. އަދި، ބައިނަލްއަގްވާމީ ބާޒާރުތަކަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުން އަރައިގަތުމުގެ ޤާބިލްކަން އިންޑިޔާ އަށް ލިބިފައިވާ ކަމަށާއި އެހެންކަމުން މިއީ އިންޑިޔާގައި އިންވެސްޓްކުރަން އެންމެ އެކަށީގެންވާ ވަގުތުކަމަށްވެސް މޯދީ ފާހަގަކުރެއްވިއެވެ."މޭކް އިން އިންޑިޔާ" ހަފްތާގައި 117 ޤައުމެއްގެ މަންދޫބުންނާއި ވިޔަފާރިވެރިން ބައިވެރިވާކަމަށް ހަފްތާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. އާ ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތައް ފެށުމަށް އުނދަގޫ ގައުމެއްގެ ގޮތުގައި އިންޑިޔާ މަޝްހޫރުވެފައި އޮތް އޮތުން ބަދަލުކުރުމަށް ބޮޑުވަޒީރު މޯދީ ފެއްޓެވި "މޭކް އިން އިންޑިޔާ" މަޝްރޫއު ކާމިޔާބުވަމުންދާ ކަމުގެ އަސަރުތައް ފެންނަން ފަށާފައިވާ ކަމަށް އިންޑިޔާ ސަރުކާރުގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.