ޚަބަރު

ފިނި މޫސުމާ ދިމާކޮށް ހަކަތަ އިޤްތިޞާދު ކުރުމަށް ޒެލެންސްކީ ގޮވާލައްވައިފި


ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ހަކަތަ ބޭނުން ކުރާ މިންވަރު ކޮންޓްރޯލްކޮށް، އިޤްތިޞާދު ކުރުމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެ ޤައުމުގެ ރައްޔިތުންނަށް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް އިލްތިމާސް ކުރެއްވީ، ޔޫކްރެއިނުގެ ރަށްތަކަށް އަމާޒުކޮށް ރަޝިޔާއިން 36 ރޮކެޓް ހަމަލާ ދިނުމާ ގުޅިގެންނެވެ.

"ރަޝިޔާގެ ހަމަލާތައް މިހާރު އަމާޒު ކުރަމުން ދަނީ ކަރަންޓު އުފައްދާ އިންޖީނުގެތަކާއި، ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް. ޤައުމު ދިފާޢު ކުރުމަށް ޔޫކްރެއިން ސިފައިން ކުރަމުންދާ ހަނގުރާމައިގައި ކަރަންޓަކީ މުހިންމު ވަސީލަތެއް. ކަރަންޓު ބޭނުން ކުރާ މިންވަރު އިޤްތިޞާދު ކުރަން ޖެހޭ،" ޒެލެންސްކީ ވިދާޅުވިއެވެ.

މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން މައި ރަށްތަކަށް ކްރޫޒް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދޭން ފަށާފައެވެ. މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށެވެ. އެ ތަންތަނަށް ހަމަލާ ދިނުމުގެ ބޭނުމަކީ، ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ޔޫކްރެއިނުގެ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކަނޑައިލުން ކަމުގައި ޒެލެންސްކީ ތުހުމަތު ކުރައްވައެވެ.

"ރަޝިޔާގެ ކްރޫޒް މިސައިލާއި ޑްރޯން ހަމަލާތަކުން ދިފާޢު ވެވޭނެ އެންމެ ފުރިހަމަ ނިޒާމެއް މި ޤައުމުގައި އަދި ނެތް. ނަމަވެސް، އެ ފަދަ ނިޒާމެއް ހޯދުމުގެ މަސައްކަތް މި ދަނީ ކުރަމުން. އެ ފަދަ ހަމަލާތަކުން ޤައުމު ދިފާޢު ކުރުމަށް ވައިގެ ސިފައިން ވެސް ދަނީ ކުރިއެރުންތަކެއް ހޯދަމުން،" ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތައް މިނިވަން ކުރުމަށް އެ ޤައުމުގެ ސިފައިން ދަނީ ވަރުގަދަ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. ޔޫކްރެއިން ސިފައިން މިހާރު އަމާޒު ހިފާފައި ވަނީ ޑްނީޕްރޯ ކޯރުގެ ހުޅަނގު ފަރާތު އައްސޭރިފަށުގެ ސަރަޙައްދުތައް މިނިވަން ކުރުމަށެވެ. ބޭނުމަކީ އެ ސަރަޙައްދުގެ މައި ރަށް ކަމުގައިވާ ޚާރްސަން ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަން ކުރުމެވެ.

ޚާރްސަން ހިފުމަށް ހިންގަމުންދާ ކެމްޕޭނުގައި ޔޫކްރެއިނު ސިފައިން ދަނީ އެ ސަރަޙައްދުގައި ޤާއިމުވެފައި ތިބި ރަޝިޔާ ސިފައިން އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ކަމާ ގުޅިގެން، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ރަޝިޔާގެ އޮފިޝަލުން ވަނީ، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އެ ސަރަޙައްދުގެ ރައްޔިތުންނަށް ގޮވައިލާފައެވެ.

ދެކުނުގައިވާ ޚާރްސަންއަކީ ރަޝިޔާއިން އެ ޤައުމުގެ ބައެއްގެ ގޮތުގައި ބަލާ ސަރަޙައްދެކެވެ. ޚާރްސަންގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއާއި އުތުރުގައިވާ ޑޮނެޓްސްކް އަދި ލުހާންސްކްއަކީ ވެސް ރަޝިޔާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ބަލައެވެ. އެއީ، ރަޝިޔާގެ ބިންތަކެއް ކަމަށާއި، އެ ތަންތަން ދިފާޢު ކުރުމަށް ނުރައްކާތެރި ހަތިޔާރު ބޭނުން ކުރަން ފަސް ނުޖެހޭނެ ކަމަށް ބުނެ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ އިންޒާރު ދެއްވާފައެވެ.

ހަނގުރާމައިގައި ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރާނެ ކަމުގެ އިޝާރާތެއް ރަޝިޔާއިން ދިނުމާ ގުޅިގެން ޤައުމެއްގެ ލީޑަރެއް ފުރަތަމަ ފަހަރަށް މި ވަނީ ރަޝިޔާއަށް ފާޑު ކިޔާފައެވެ. "ރަޝިޔާގެ އިންޒާރުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށް ވަނީ ނުރައްކާވެފައި. އެ ފަދަ އިންޒާރުތައް ބަލައި ނުގަނެވޭނެ،" ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ ވިދާޅުވިއެވެ.

ހަނގުރާމައިގެ މައިދާނުގައި އެންމެ ފަހުން ނިއުކްލިޔަރ ހަތިޔާރެއް ބޭނުންކޮށްފައި ވަނީ މީގެ 77 އަހަރު ކުރިން ކަމަށާއި، އެ ކަން ބަދަލު ކުރަން ފުރުޞަތު ނުދެވޭނެ ކަމުގައި ވެސް ކިޝިޑާ ވިދާޅުވިއެވެ. ވިލާތުގެ އިއްތިހާދު ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޖޯސެފް ބޮރެލް ވެސް ދާދި ފަހުން ވަނީ، ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރެއް ބޭނުންކޮށްފި ނަމަ، އެ ޤައުމުގެ އަސްކަރިއްޔާ ނައްތައިލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ތާރީޚުގައި ނިއުކްލިޔަރ ހަމަލާއެއްގެ ޝިކާރައަކަށް ވެފައިވާ ހަމައެކަނި ޤައުމަކީ ޖަޕާނެވެ. އެމެރިކާއިން ޖަޕާނަށް ފުރަތަމަ ފަހަރަށް ނިއުކްލިޔަރ ބޮމެއް އަޅާފައި ވަނީ 1945 އޮގަސްޓު 6ވަނަ ދުވަހުއެވެ ހިރޮޝީމާއަށް ދިން މި ހަމަލާގައި 140,000 މީހުން މަރުވިއެވެ. އަދި، އޭގެ ތިން ދުވަސް ފަހުން ޖަޕާނުގެ ނަގަސާކީއަށް ދެވަނަ ހަމަލާއެއްދީ، އިތުރު 74,000 މީހުން މަރައިލިއެވެ.