ޚަބަރު

ބާރުގަދަ ތޫފާން ރޯޒްލިންއަށް މެކްސިކޯއިން ތައްޔާރު ވަނީ


ކެޓެގަރީ ހަތަރެއްގެ ބާރުގަދަ ތޫފާނެއް ކަމުގައިވާ ރޯޒްލިން ޕެސިފިކް ކަނޑުގައިވާ މެކްސިކޯގެ އައްސޭރިފަށުގެ ސަރަޙައްދުތަކާ ދިމާއަށް ދަތުރު ކުރަމުންދާ ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން އިންޒާރު ކޮށްފިއެވެ. އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނީ، ތޫފާން ރޯޒްލިންއާ އެކު މެކްސިކޯއަށް ނުރައްކާތެރި މިންވަރަކަށް ވައި ގަދަވާނެ ކަމަށާއި، އައްސޭރިފަށުގެ ސަރަޙައްދަށް އުދައަރައި، ފެންބޮޑުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ތޫފާން މި ވަގުތު ދަތުރު ކުރަމުން ދަނީ މެކްސިކޯގެ މެންޒަނިއްޔޯއާ 225 ކިލޯމީޓަރު ދުރުންނެވެ. ނަމަވެސް، ތޫފާނާ އެކު މިހާރު ވެސް ގަޑިއަކު 209 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމުގައި މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކުރާނެ ކަމަށް ބެލެވެނީ މެކްސިކޯގެ ނެޔެރިޓް ސްޓޭޓުގެ ސަރަޙައްދުތަކަށެވެ. އަދި، ޔެލިސްކޯއާއި، ކޮޔީމާގެ އިތިރުން ސިނަލޯއާ ސްޓޭޓަށް ވެސް ތޫފާނުގެ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. މި ތޫފާނާ އެކު އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އެއާއެކު ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގުމުގެ ފުރުޞަތު އޮންނާނެ ކަމުގައި ވެސް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

މި ކަމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މެކްސިކޯގެ އިދާރާތަކުން ވަނީ ގޮވައިލާފައެވެ. އަދި، މިހާރު ވެސް ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޔެލިސްކޯގެ އޮފިޝަލުން ބުނީ 270 މީހުން މިހާރު ވެސް ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ.

ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ގެންގޮސްފައި ވަނީ ވަގުތީ ހިޔާތަކަށެވެ. ތޫފާނާ އެކު ޔެލިސްކޯއަށް 254 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް މެކްސިކޯގެ މޫސުމާ ބެހޭ އިދާރާއިން އަންދާޒާ ކުރެއެވެ.

ކޮންމެ އަހަރެއްގެ މޭ މަހާއި ނޮވެންބަރު މަހުގެ ތެރޭގައި ޕެސިފިކް ކަނޑާއި އެޓްލާންޓިކް ކަނޑުގެ ސަރަޙައްދުތަކުގައި ނުރައްކާތެރި ތޫފާންތައް އުފެދެއެވެ. އަދި، މި ތޫފާންތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވާ ޤައުމުތަކުގެ ތެރޭގައި މެކްސިކޯ ހިމެނެއެވެ.

މޭ މަހުގެ ތެރޭގައި ޕެސިފިކް ކަނޑުގައި އުފެދުނު ނުރައްކާތެރި ތޫފާނެއް ކަމުގައިވާ އެގެތާ މެކްސިކޯގެ ސަރަޙައްދުތަކަށް އެރުމުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި އެ ޤައުމުން 11 މީހުން މަރުވިއެވެ. 1997ވަނަ އަހަރު އެ ޤައުމަށް އެރި ކެޓެގަރީ ހަތަރެއްގެ ބާރުގަދަ ތޫފާނެއް ކަމުގައިވާ ޕޯލީންގެ ސަބަބުން ހިނގި ހާދިސާތަކުގައި 200އަށްވުރެ ގިނަ މީހުން މަރުވިއެވެ.