ޚަބަރު

ކޮސްޓަ ރީކާ ކައިރިއަށް ވެއްޓުނު މަތިންދާބޯޓުން ދަތުރު ކުރި މީހުން ހޯދަނީ


ކެރީބިޔަންގެ ޤައުމެއް ކަމުގައިވާ ކޮސްޓަ ރީކާ ކައިރިން ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު މަތިންދާބޯޓެއްގައި ދަތުރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފަނިއްޖެއެވެ. ހަ މީހުންނާ އެކު ދަތުރު ކުރަމުންދިޔަ މި މަތިންދާބޯޓު ވެއްޓުނީ މެކްސިކޯއިން ފުރައިގެން ކޮސްޓަ ރީކާއަށް ދަތުރުކުރި މަގުމަތީގައެވެ.

ބޯޓުގައި ދަތުރު ކޮށްފައި ވަނީ ޖަރުމަނު ވިލާތުގެ ފަސް ފަސިންޖަރުންނާއި ސްވިޓްޒަލެންޑުގެ ޕައިލެޓެކެވެ. ބޯޓު ވެއްޓިފައި ވަނީ ކޮސްޓަ ރީކާގެ ލިމޯން ޕުރޮވިންސް ކައިރިން ދަތުރު ކުރަމުން ދަނިކޮށެވެ. ވެއްޓިފައިވާ ބޯޓުގެ ބައިތައް ފެނިފައި ވަނީ ލިމޯންގެ ވައިގެބަނދަރާ 28 ކިލޯމީޓަރު ދުރުން ކަނޑުގެ ސަރަޙައްދުންނެވެ.

ބޯޓުގައި ދަތުރު ކުރި މީހުން ހޯދުމަށް ކޮސްޓަ ރީކާގެ ކޯސްޓް ގާޑުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ދަތުރު ކޮށްފައި ވަނީ މެކްފިޓް ޖިމް ޗެއިންގެ ބާނީ ރެއިނަރ ޝޯލާއާއި އޭނާގެ ދެ ދަރިންނާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ކަމުގައި ޖަރުމަނު ވިލާތުގެ ނޫސްތަކުގައި ބުނެފައިވެއެވެ. ނަމަވެސް، ފަސްވަނަ މީހަކީ ކާކުކަން އަދި ސާފެއް ނޫނެވެ.

ވެއްޓިފައިވާ ބޯޓުގެ ބައެއް ބައިތައް އޮޔާއެކު ކޮސްޓަ ރީކާގެ އައްސޭރިފަށަށް ލައްގާފައިވާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ. އަދި، މިހާތަނަށް ދެ މީހެއްގެ ހަށިގަނޑު ފެނިފައި ވާއިރު، އެއީ ކޮން ބަޔެއްގެ ހަށިތަކެއް ކަން ހާމަކޮށްފައެއް ނުވެއެވެ.