ކުޅިވަރު

ބަލިވީ މުޙިންމު ވަގުތުގައި ހެދުނު ގޯސްތަކުން - ކޯޗް ރިކީ ހާރބާޓް


ރޭގެ ސެމީ ފައިނަލުން ބަލިވީ ފަސް މިނެޓް ތެރޭގައި ހެދުނު ދެ ގޯހެއްގެ ސަބަބުންކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާރބާާޓް ބުނެފިއެވެ. 12ވަނަ ސައުތް އޭޝިއަން ގޭމްސްގެ ސެމީ ފައިނަލްގައި ރޭ ނޭޕާލް އަތުން ބަލިވި މެޗަށްފަހު ކޯޗް ރިކީ ހާރބާޓް ބުނީ މެޗުގައި ކުޅުންތެރިން ވަރަށް ހިތްވަރުކުރިކަމަށާއި، ނަަސީބުވެސް ދެރައީކަމަށެވެ. ސެމީ ފައިނަލެއްގައި އަނެއްކާވެސް ބަލިވެގެންދިޔުމަކީ މުޅި ގައުމަށް ލިބުނު ހިތާމައެއްކަމަށާއި، ކުޅުންތެރިންގެ މޫނުމަތިން އެ މާޔޫސްކަން ފެންނަމުންދާކަމަށެވެ. މިއަދު ދިވެހިރާއްޖެ މޮޅުވުން ހައްްޤުކަމަށާއި، މެޗުން ބަލިވެގެންދިޔައީ އެންމެ މުހިންމު ފަސް މިނެޓްގެ ތެރޭގައި ހެދުނު ދެ ގޯހެއްގެ ސަބަބުންކަމަށް ކޯޗް ބުންޏެވެ."ކުޅުންތެރިން ވަރަށް ހިތްވަރުކުރި، މިގޮތަށް ބަލިވީމަ ކޮންމެ ބަޔަކުވެސް ދެރަވާނެ. މިއަދު ބަލިވީ ހެދުނު އެންމެ ދެ ގޯހެއްގެ ސަބަބުން" ކޯޗް ހާރބާޓް ބުންޏެވެ. މެޗަށްފަހު ނޭޕާލްގެ ކޯޗް ރާޖޫ ކާޖީ ޝަކްޔާ ބުނީ މެޗުން މޮޅުވާނެކަމުގެ ޔަޤީންކަން އެންމެ ފަހު ވަގުތާހަމައަށްވެސް އޮތްކަމަށާއި، ކުޅުންތެރިންނަށް އިތުބާރުކުރިކަމަށެވެ. ބަންގްބަންދު ގޯލްޑްކަޕްގައި ދިވެހިރާއްޖޭގެ ކުޅުން ފެނުނުކަމަަށާއި، ރާއްޖޭގެ ޑިފެންސް އެހާ  ރަނގަޅު ނޫންކަމަށް ކޯޗު ބުންޏެވެ. އެހެންކަމުން ކައުންޓަރ އެޓޭކްގައި ލަނޑު ޖެހޭނެކަމުގެ ޔަގީންކަން އޮތްކަމަށް ކޯޗް ރާޖޫ ބުންޏެވެ."އަހަންނަށް ޔަގީންކަން އޮތް މެޗުން މޮޅުވާނެކަމަށް، ރާއްޖޭގެ ޑިފެންސް އެހާ ރަނގަޅެއް ނޫން. ކައުންޓަރގައި ގޯލް ޖެހޭނެކަމުގެ ޔަގީންކަން އޮތީމަ އަހަރެމެން ދެވަނަ ހާފްގައި ޑިފެންސްކުރީ" ކޯޗް ރާޖޫ ބުންޏެވެ.މުބާރާތުގެ ސެމީ ފައިނަލުން ބަލިވުމާއިއެކު ރާއްޖެ މާދަމާ ނިކުންނާނީ ތިންވަނަ ހޮވާ މެޗަށެވެ. މި މެޗުގައި ދިވެހި ޓީމް ނިކުންނާނީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އިންޑިޔާ އަަތުން ބަލިވި ބަނގްލަދޭޝްއާއި ދެކޮޅަށެވެ.