ޚަބަރު

ޝީއަށް ތިންވަނަ ދައުރެއް ދޭން ޗައިނާގެ ކޮމިޔުނިސްޓް ޕާޓީން ރުހުންދީފި


ޗައިނާގެ ރައީސް ކަމުގެ މަޤާމަށް ޝީ ޖިންޕިންގް ތިންވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީން ރުހުން ދީފިއެވެ. ޕާޓީން މި ކަމާ މެދު ގޮތެއް ނިންމާފައި ވަނީ ވެރިރަށް ބެއިޖިންގގައި ކުރިއަށްދިޔަ ޕާޓީގެ 20ވަނަ ކޮންގްރެސްގައެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ މި ބައްދަލުވުމުގައި ޗައިނާގެ ހުރިހާ ޕުރޮވިންސަކުން 2,300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. ކޮންގްރެސް ކުރިއަށް ދިޔައީ ބެއިޖިންގގައި ހުންނަ "ގްރެއިޓް ހޯލް އޮފް ދަ ޕީޕަލް"ގައެވެ.

ކޮންގްރެސްގައި ނިންމާފައިވާ އެންމެ މުހިންމު ނިންމުމަކީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ޝީއާ ހަވާލު ކުރުމެވެ. ޕާޓީގެ ސެންޓްރަލް ކޮމިޓީގެ މި ނިންމުމާ އެކު، ޝީ ވެގެން ގޮސްފައި މި ވަނީ، އެ ޤައުމުގެ އެންމެ ބާރުގަދަ ސިޔާސީ ލީޑަރަށެވެ.

"ކުރިއަށް އޮތް ފަސް އަހަރަށް ޕާޓީ އެންމެ މަތީ މަޤާމު ފުރުމުގެ ޒިންމާ އަޅުގަނޑު ހަވާލު ކުރީތީ ޝުކުރުވެރިވަން. އަޅުގަނޑާ ހަވާލު ކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ކުރާނަން،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޝީ ވިދާޅުވިއެވެ.

ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަނުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް ވެސް 69 އަހަރުގެ ޝީ ވަނީ އަލުން ޢައްޔަނުކޮށްފައެވެ. މިއާ އެކު، އަންނަ އަހަރުގެ މާރިޗު މަހު ބާއްވާ ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ކަމުގެ މަޤާމުގެ ތިންވަނަ ދައުރަކަށް ޝީ އިންތިޚާބު ކުރެވޭނެ ކަމަށް ބެލެވެއެވެ.

ކޮންގްރެސްގެ ބައްދަލުވުމުގައި ޕާޓީގެ އައު ސެންޓްރަލް ކޮމިޓީއެއް އެކުލަވައިލައި، އެ ކޮމިޓީއަށް ވަނީ 200 މެންބަރުން ޢައްޔަން ކޮށްފައެވެ. އަދި، ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ސްޓޭންޑިންގ ކޮމިޓީއަށް ހަތް މެންބަރުން ޢައްޔަން ކުރިއެވެ. އެ މަޤާމުތައް ލިބިވަޑައިގަތީ ޝީގެ ވަރަށް އަރިސް ބޭފުޅުންނަށެވެ.

ޝީއާ ޖެހިގެން ޕާޓީގައި ދެވަނައަށް އެންމެ ބާރުގަދަ ފަރާތަކަށް ޢައްޔަން ކޮށްފައި ވަނީ ކުރީގެ ޝެންގްހާއީ ޕާޓީގެ އިސްވެރިޔާ ލީ ކިއޭންގްއެވެ. މިއާއެކު، ޗައިނާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އޭނާ ޢައްޔަން ކުރެވޭނެ ކަމަށް ބެލެވެއެވެ. ކިއެންގްއަކީ ވެސް ޝީގެ ވަރަށް އަރިސް ބޭފުޅެކެވެ.

ޗައިނާގެ ރައީސް ކަމުގެ މަޤާމަށް ޝީ އިންތިޚާބު ކުރެވުނީ މީގެ 10 އަހަރު ކުރިންނެވެ. ޝީ މިހާރު ފުރުއްވަމުން ގެންދަވަނީ ރިޔާސީ ދެވަނަ ދައުރެވެ. އޭނާގެ ރިޔާސަތުން އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ، ރައީސް ކަމުގެ މަޤާމު ދެ ދައުރަށްވުރެ އިތުރަށް ކުރެވޭ ގޮތަށް ޤާނޫނަށް ބަދަލު ގެންނެވުމެވެ. އެއާއެކު، ކޮމިޔުނިސްޓް ޕާޓީން ރުހޭ ނަމަ، ޝީއަށް ރައީސް ކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވާކަށް ނުޖެހޭނެއެވެ.

ޝީގެ ރިޔާސަތުގައި ޗައިނާއިން ވަނީ އިޤްތިޞާދީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ޗައިނާއަކީ މިހާރު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. އަދި، ޗައިނާއިން ވަނީ އަސްކަރީ ދާއިރާއިން ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.