ވިޔަފާރި

އައިލެންޑް އޭވިއޭޝަނަށް ލިބުނު އާމްދަނީއާއި ފައިދާވެސް އިތުރު


އައިލެންޑު އޭވިއޭޝަނަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 436 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ހާމަކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑު ކޯރޕުރަޓައިޒޭޝަން ބޯޑުން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ 'ކުއާޓަރލީ ރިވިއު' ރިޕޯޓުގައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތުތައް ބަޔާންކޮށްފައެވެ. އެގޮތުން ސަރުކާރު ހިއްސާވާ 30 ކުންފުންޏެއްގެ މާލީ ހާލަތު ވަކިވަކިން ވަނީ މި ރިޕޯޓުގައި ހިމަނާފައެވެ.

ރިޕޯޓުގައި އައިލެންޑު އޭވިއޭޝަންގެ މާލީ ހާލަތާއި ގުޅޭގޮތުން ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 436 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު 3 އިންސައްތަ އިތުރު އަދަދެކެވެ.

އެކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުުރުވެފައިވަނީ، އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެންނެވެ.

އައިލެންޑު އޭވިއޭޝަނުގެ ޖުމްލަ ފައިދާވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ގްރޮސް ޕްރޮފިޓް ނުވަތަ ޖުމްލަ ފައިދާގެ އަދަދު ވަނީ 13 އިންސައްތަ އިތުރުވެފައެވެ.

ފުރަތަމަ ކުއާޓަރުގެ ޖުމްލަ ފައިދާ އިތުރުވި ނަމަވެސް ކުންފުނި ހިނގައިގެން ވަނީ 31.4 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. މިއީ މައިގަނޑުގޮތެއްގައި އިދާރީ ޙަރަދުތައް އިތުރުވުމުންނެވެ. އެގޮތުން އެ ކުއާޓަރުގެތެރޭގައި މުވައްޒަފުންގެ މުސާރަތައް ކޯވިޑުގެ ކުރިން ހުރި މުސާރަތަކަށް އިއާދަކުރުމާއި ޕައިލެޓުންގެ މުސާރަ ބޮޑު ކުރުން ފަދަ ޙަރަދުތަކާއެކު ކުންފުނީގެ އިދާރީ ޙަރަދުތައް އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި އިތުުރުވެފައިވާ ކަމަށް 'ކުއާޓަރލީ ރިވިއު' ރިޕޯޓުގައިވެއެވެ.

އައިލެންޑު އޭވިއޭޝަނަށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ އާއި ޖުމްލަ ފައިދާ އިތުރުވި ނަމަވެސް އެ ކުއާޓަރުގައި ލިބުނު ގެއްލުމުގެ މިންވަރުވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު އިތުރުވެފައެވެ. ހިސާބުތައް ދައްކާގޮތުން ފުރަތަމަ ކުއާޓަރުގައި އައިލެންޑު އޭވިއޭޝަނަށް ވަނީ 29.8 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. މިއީ މައިގަނޑުގޮތެއްގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ގެނައި ބަދަލުތަކާއި ގުޅިގެންކަމަށް ރިޕޯޓުގައިވެއެވެ.