ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މޯލްޑިވްސް ޓެނިސް ޗެލެންޖުގެ ޕްރިމިއާ ބޭންކް ސްޕޮންސަރަކަށް ކޮމާޝަލް ބޭންކް ހަމަޖައްސައިފިއެވެ.
ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ގައުމުތަކަކީ ބަހްރެއިނާއި، އޮމާން އާއި، ތައިލެންޑާއި، މެލޭޝިއާ އަދި ސްރީ ލަންކާއެވެ.
މި މުބާރާތުގެ ޕްރިމިއާ ބެންކު ޕާޓްނަރަކަށް ކޮމާޝަލް ބޭން އޮފް މޯލްޑިވްސްއާއެކު ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ހަފީޒް ވިދާޅުވީ މި މުބާރާތް ބާއްވަނީ ރާއްޖޭގެ ކުޅުންތެރިންނަށް އަމިއްލަ ގައުމުގައި ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.
ހަފީޒް ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތްތަނުގައި މި މުބާރާތް އިތުރަށް ވަރުގަދަވެގެން ދިޔުން ކަމަށާއި، އަދި މި މުބާރާތާއެކު ރާއްޖޭގެ ކުޅުންތެރިންނަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޓެނިސް އެސޯސިއޭޝަނުން ވަނީ މި މުބާރާތް ބޭއްވިގެންދަނީ ސަރުކާރުގެ ބޮޑު އެއްބާރުލުމަކާއެކުގައިކަން ފާހަަގަކޮށްފައެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 15 - 21 އަށް މާލޭގައެވެ.