ޚަބަރު

ކުށެއް ކޮށްފައިވާ މީހެއްނަމަ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރި ނުވެވޭގޮތަށް އިޞްލާހު ގެނެސްފި


އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބުތަކުގައި، އޮބްޒާވަރެއް ނުވަތަ މޮނީޓަރެއް ނުވަތަ ކެންޑިޑޭޓެއްގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިންތިޚާބީ ކުށެއް ކޮށްފައިވާނަމަ އެމީހަކަށް އިންތިޚާބުގައި ހަރަކާތްތެރި ނުވެވޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ޤަވާއިދު އިޞްލާހުކޮށްފިއެވެ.

އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގައި ވަނީ އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވާން ވާނެކަމަށެވެ.

އިންތިޚާބުތަކުގައި ހަރަކާތްތެރިވާ މީހެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތައް:

* އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
* ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
* އެ އިންތިޚާބަކާބެހޭ އެއްވެސް މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
* ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ ވެރިއެއް ކަމުގައި ނުވުން.
* ދިވެހި ފުލުހެއް ކަމުގައި ނުވަތަ ސިފައިންގެ މީހެއް ކަމުގައިނުވުން.
* ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
* އިންތިހާބުގައި އިތުރު މަގާމަކަށް ކުރިމަތިލައިފައިވާ މީހެއް ކަމުގައިނުވުން.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ޤަވާއިދަށް ގެނައި އިޞްލާހުގައި ވަނީ އިންތިޚާބުތަކުގައި އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އަދި މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް، ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ
މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މެދުވެރިވެގެން ބާއްވާ ހުރިހާ އިންތިޚާބެއްގައިވެސް އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން ހަރަކާތްތެރިވާނެއެވެ. އެފަރާތްތައް އިންތިޚާބުތަކުގައި ހަރަކާތްތެރިވާނީ ވޯޓުލުން ކުރިއަށްދާ ވަގުތުތަކުގައެވެ.