ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގައި ވެސްޓް ސްޕޯޓްސް އަތުން އައިޒީ މޮޅުވިއިރު، މާލޭ ވެޓެރަންސްއިން ކުޅުނު މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗު އައިޒީއާ ވާދަކޮށް ވެސްޓް ސްޕޯޓްސް ކްލަބުން މެޗު ކާމިޔާބުކޮށްފައި ވަނީ ހަ ވިކެޓުންނެވެ. އަދި ދެވަނަ މެޗް ސީބީއެލްއާއި ބައްދަލުކޮށް މާލޭ ވެޓަރަންސް މެޗު ކާމިޔާބުކޮށްފައި ވަނީ 21 ލަނޑުންނެވެ. މި މޮޅާއެކު މާލޭ ވެޓަރަންސް ތާވަލުގެ އެއްވަނައަށް އެރީ ދެ މެޗު އިތުރަށް ކުޅެގެންނެވެ.
ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗް ވިއްސާރަވުމުގެ ސަބަބުން ކުޅުނީ 12 އޯވަރަށް މަދުކުރުމަށްފަހު އެވެ. މެޗުގެ ގުރު ދިމާވުމުން ވެސްޓް ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެންއަރާ 12 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި ޒަދުހާން އާއި 25 ލަނޑު ހެދި އެލަން އެވެ. ޖަވާބުގައި އައިޒީ ކުޅެންއަރާ 12 ވަނަ އޯވަރުގައި 80 ލަނޑު ހެދާ މެޗް ކާމިޔާބުކުރިއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒަހްދާންއެވެ.
ދެވަނަ މެޗުގެ ގުރު ދިމާވުމުން މާލޭ ވެޓްރަންސް ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެން އަރާ 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 163 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 72 ލަނޑު ހެދި ތާރަކަ އެވެ. ޖަވާބުގައި ސީބީއެލް ކުޅެންއަރާ 19 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 53 ލަނޑު ހެދި މުއާވިޔަތު އަބްދުލް ޢަނީ އެވެ.
މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.