ޚަބަރު

ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލާގައި ރާއްޖޭގެ ނިންމުން ބަދަލެއް ނުވޭ: އޭޖީ


ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ރާއްޖެއާއި ފުށޫއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށައަޅާފައިވާ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލު ނުވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ބަންޑާރަ ނާއިބުގެ އޮފީހުގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް، ޙުސައިން ޙަސަން ވިދާޅުވީ، ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއްކަމަށެވެ. އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއްކަމަށާއި، މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑަށް ނުވަތަ ވިސްނުން ބަދަލު ނުވާކަމަށް ޙުސައިން ވިދާޅުވިއެވެ. ރާއްޖެއިން ހުރީ އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫންކަމަށާއި، ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން މައްސަލަ މަޢުޟޫޢީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެކަމަށެވެ. ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލަށް ބިނާކޮށްގެންކަމަށާއި، އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުންކަމަށް ޙުސައިން ވިދާޅުވިއެވެ.

އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ވިދާޅުވީ، ބަދަލުވީ އދ. ގައި ނަގާ ވޯޓިންގގެ ސިޔާސަތުކަމަށެވެ. ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެކަމަށާއި، އެކަމާއި ގުޅިގެން މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައިވާކަމަށް ޙުސައިން ވިދާޅުވިއެވެ. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވީ އެ ވާހަކަފުޅުކަމަށާއި، ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އާބިޓްރޭޝަންގައި ރާއްޖެއިން މިހާރު ވެސް އެ ޗެލެންޖު އެ ކުރައްވަނީ މޮރިޝަސްއާ ދެކޮޅަށް. ރާއްޖެއިން ނަގަންޖެހޭ ގާނޫނީ ނުކުތާތައް ނަގައި، މޮރިޝަސްއިން އެދޭގޮތަށް ބައުންޑަރީ ކުރަހަން ރާއްޖެއިން ޗެލެންޖްކޮށްފައިވާނެ. އެންމެ އިއްޗިއެއް ވެސް ދޫދޭ ގޮތަކަށް ނޫނޭ މިތިބީކީ. މި މައްސަލާގައި މި އޮފީހުން އިޓްލޮސްގައި ރާއްޖެއިން އެ ވަކާލާތު އެ ކުރައްވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތު. ރާއްޖޭގެ ދިފާޢުކޮށް، ދިވެހިރާއްޖެ ތަމްޞީލުކުރުމަށް މަސައްކަތް ކުރަމުން އެ ގެންދަނީ މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ބައިނަލްއަޤްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް." ޙުސައިން ވިދާޅުވިއެވެ.

ޙުސައިން ވިދާޅުވީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އެޑްވައިޒަރީ އޮޕީނިއަންއެއް 2019 ގައި ޗާގޮސް ޑީކޮލޮނައިޒޭޝަން މައްސަލައާ ގުޅިގެން ނެރުނުކަމަށާއި، އޭގައިވެސް ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ނިންމާފައިާކަން ޙުސައިން ފާހަގަކުރެއްވިއެވެ. އައިސީޖޭއަކީ ބައިންއަޤްވާމީ މައްސަލަތައް ބެލުމަށް ޔޫއެން ގެ ޗާޓަރުން އުފައްދާފައިވާ ޖުޑިޝަލް ބޮޑީއެކެވެ. ބައިނަލްއަޤްވާމީ މައްސަލަތަކުގައި ގޮތް ނިންމައި ލަފާ ދިނުމުގެ މެންޑޭޓް އައިސީޖޭގެ އޮވެއެވެ.

ޙުސައިން ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވިސްނުމަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށެވެ. ޗާގޮސްގެ ޑީކޮލޮނައިޒޭޝަންއަށް ތާއީދުކޮށް 116 ގައުމަކުން ޔޫއެން ޖެނެރަލް އެސެމްބްލީގައި 2019 ވަނަ އަހަރު ވޯޓުލާފައިވާކަން ފާހަގަކުރައްވާ ޙުސައިން ވިދާޅުވީ ރާއްޖޭގެ ނިންމުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވިސްނުމާ އެއްގޮތް ވިސްނުމެއްކަމަށެވެ.

އަދި ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމެއްކަމަށާއި، ރާއްޖޭގެ ފޮރިން ޕޮލިސީ ސްޓޭޓްމަންޓްތަކުގައި އެގޮތަށް ފާހަގަކޮށްފައިވާކަންވެސް ޙުސައިން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވިސްނުމާ އެއްގޮތަށް ވޯޓުލުމުން އެފަރާތްތަކުން ރާއްޖެ ބަލައިގަނެ އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވާނެކަމަށާއި، އެހެންކަމުންއެގޮތަށް ވޯޓުލުމުން ރާއްޖެއަށް ލިބޭނީ ފައިދާކަމަށްވެސް ޙުސައިން ވިދާޅުވިއެވެ.

"އިޓްލޮސް ގައި މިހާރު ކުރިޔަށްދާ މައްސަލައިގައި ޕްރިލިމިނަރީ ނިންމުމުގައިވެސް އިޓްލޮސްއިންވެސްވަނީ އައިސީޖޭގެ 2019 ވަނަ އަހަރުގެ އެޑްވައިޒަރީ އޮޕީނިއަންއަށް ބުރަވެ، ޗާގޮސްެއަކީ މޮރިޝަސްގެ ތަނެއްކަމަށް ބުރަވެ، މި މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ނިންމާފައި.ޗާގޮސްގެ ޑީކޮލޮނައިޒޭޝަން މައްސަލައިގައި ރާއްޖޭން ވަކި ގޮތަކަށް ވޯޓު ލުމުގެ ސަބަބުން އިޓްލޮސްގައި ކުރިޔަށްދާ، ޗާގޮސްއާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑއެޅުމުގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ." ޙުސައިން ޙަސަން ވިދާޅުވިއެވެ.

ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލާގައި ބޭއްވި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވީ، މުޅި މި މައްސަލައަކީ ވެސް ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައަކަށް ވުރެ ބޮޑަށް ޗާގޯސް މައްސަލައާ ގުޅުންހުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އެހެންވެ ރިފްއަތު ވިދާޅުވީ ޗާގޯސް މައްސަލާގައި ރާއްޖެއިން މޮރިޝަސް އާ އެއްކޮޅަށް ވޯޓުދޭން ނިންމި ނިންމުމާ ގުޅިގެން، ކަނޑުގެ ސަރަހައްދީ އިމުގެ މައްސަލާގައި މޮރިޝަސްއިން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ ވެސް އެ ގައުމުން އަނބުރާ ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޗާގޮސް އައިލެންޑް ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލްއެވެ.