ޚަބަރު

ގޭހުގެ އަގެއް ކަނޑައެޅުމާމެދު އީޔޫގެ ޤައުމުތަކަަށް އެއްބަސްވުމަކަށް ނާދެވުނު


ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމުތަކަށް އެތެރެކުރާ ގުދުރަތީ ގޭހަށް ވަކި އަގެއް ކަނޑައެޅުމާމެދު މަޝްވަރާކުރުމަށްފަހުވެސް އެއްބަސްވުމަކަށް ނާދެވުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ގޭހަށް ވަކި އަގެއް ކަނޑައެޅުމަށް އެއްބަސް ނުވެވުނު ނަމަވެސް ވަކި އަގެއް ކަނޑައެޅުމުން މާކެޓަށް އަންނާނެ ކަމަށް ބެލެވޭ ގެއްލުންތައް ދިރާސާކުރުމަށް ލީޑަރުން ވަނީ އެއްބަސްވެފައެވެ. ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮންޑާ ލޭޔަން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ހަކަތައިގެ އަގުތައް ދިރާސާކުރުމުގައި ދެމިތިބުމަށް އެކަށީގެންވާ ރަނގަޅު އަދި ހަރުދަނާ މަގުޗާޓެއް އޮތެވެ.

ބެލްޖިއަމްގެ ވެރި ރަށް ބްރަސަލްސްގައި އޮތް އީޔޫ ލީޑަރުންގެ ސަމިޓަށް ހުށަހެޅުނު ކަރުދާހަށް ހަރުދަނާ ޚިޔާލުތަކެއް ލިބިފައި ހުރި ކަމަށްވެސް އުރުސެލާ ވިދާޅުވިއެވެ. ސަމިޓްގެ ފުރަތަމަ ދުވަސް ނިންމަވާލެއްވުމަށް ފަހު އޭނާ ވިދާޅުވީ ގޭހުގެ އަގަށް ވަކި ގޮތެއް ކަނޑައެޅުން މިވަގުތަށް މަޑުޖައްސާލުން މުހިންމު ކަމަށެވެ.

ގުދުރަތީ ގޭހަށް ވަކި އަގެއް ކަނޑައަޅަން އެދޭ ޤައުމުތަކަކީ ފްރާންސް، އިޓަލީ، ސްޕެއިން އަދި ބެލްޖިއަމް ހިމެނޭ ގޮތުން އީޔޫގެ އިތުރު 15 ޤައުމެކެވެ. ގޭހުގެ އަގު ކަނޑައެޅުމަށް ތައީދު ނުކުރަނީ ޖަރުމަނުވިލާތާއި ނެދަލޭންޑްސް އާއި ޑެންމާކް އަދި ބައެއް އެހެން ޤައުމުތަކުންނެވެ.

ގޭހުގެ އަގު ކޮންޓްރޯލް ކުރަން ދެކޮޅު ޤައުމުތަކުން ބުނަނީ ފިނި މޫސުން ކުރިމަތީގައި އޮއްވައި ހަކަތައިގެ އަގާ ކުޅެން ހަދައިގެން ގޯހެއް ވެދާނެ ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް ހަކަތަ ސަޕްލައި ނުކުރެވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އެ ޤައުމުތަކުން ބުނެއެވެ.

އުރުސެލާ ލޭޔަން ވިދާޅުވި ގޮތުގައި އީޔޫގެ ހަކަތައާއިބެހޭ ވަޒީރުންގެ ބައްދަލުވުމެއް މި މަހުގެ 25 ވަނަ ދުވަހު އަލުން ބާއްވާނެއެވެ. އަދި މި ބައްދަލުވުމުގައި ގޭހަށް ވަކި އަގެއް ކަނޑައެޅުމާއިމެދު މަޝްވަރާކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ދެ ދުވަހުގެ މުއްދައްތަށް ބޭއްވި މި ބައްދަލުވުމުގައި ބައެއް މަޢުޞޫއުތަކަށް ވަރަށް ތަފުސީލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް އުރުސެލާ ވިދާޅުވިއެވެ.