ކުޅިވަރު

އެސްޓީއޯ އޭދަފުށި ކަޕް: ފައިނަލުގެ ފުރަތަމަ ޖާގަ ހުސްސޮންގުންނަށް


އެސްޓީއޯ އޭދަފުށި ކަޕް 2022 ގެ ފައިނަލުގެ ފުރަތަމަ ޖާގަ ހުސްސޮންގުން ހޯދައިފިއެވެ.

އެ ޓީމުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ހޮނިހިރު ދުވަހުގެ ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މެޗުގައި އިރުމަތި އެފްސީ 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މޖި ނަތީޖާއާއެކު މި މުބާރާތުގައި އިރުމަތި އެފްސީން ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ވަނީ ބަލިވެފައެވެ. އަދި އެ ޓީމު ކޮޅަށް އިދިކޮޅު ހަތަރު ޓީމުން ވަނީ 32 ލަނޑު ޖަހާފައެވެ. މުޅި މުބާރާތުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ދެ ލަނޑެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ހުސްސޮންގުންނަށް ކުޅޭ ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާޙިމް ވަހީދު (އިއްބެ) ވަނީ ދެ ހެޓްރިކް ހަދާފައެވެ. މި ލަނޑުތަކާ އެކު އިއްބެ ވަނީ މިމުބާރާތުގައި ޖުމްލަ ހަތް ލަނޑު ޖަހާފައެވެ.

މި މެޗުގައި ހުސްސޮންގުންގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ ރ. މީދޫ ޓީމުގެ ޑިފެންޑަރު ޝަމްވީލް މުޙައްމަދާއި، އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ރަފްހާނާއި، އުނައިސް ޒުބައިރުގެ އިތުރުން މުޙައްމަދު ފަޔާޒެވެ.

މި މެޗަށްފަހު ފައިނަލުގެ ފުރަތަމަ ޖާގަ ހުސްސޮންގުންނަށް ލިބުނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނަ ޓީމާއި ތިންވަނަ ޓީމުން ސެމީ ފައިނަލް މެޗެއް ކުޅޭ ގޮތަށް ރޭވިފައިވާ މި މުބާރާތުގެ ދެވަނައިގައި އޮތް ވެލާ ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އެހެން ކަމުން ވެލާ ސްޕޯޓްސްއާ އެއްކޮށް ސެމީގައި ވާދަކުރާ އަނެއް ޓީމު ކަށާވަރުވާނީ އާދީއްތަ ދުވަހު ކުޅޭ މެޗުގެ ނަތީޖާއަށްފަހުގައެވެ. އެ މެޗުގައި ވާދަކުރާނީ ކައްކާނި އެފްސީ އާއި އެމްވީ ޔުނައިޓެޑެވެ.