ޚަބަރު

މިއަދަކީ ބައިނަލްއަޤްވާމީ ރޭޑިއޯ ދުވަސް


ބައިނަލްއަޤްވާމީ ރޭޑިއޯ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރޭޑިއޯއަކީ ދިވެހި ރާއްޖޭގައިވެސް ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރި، އަދި މިހާރުވެސް އަދާ ކުރަމުންދާ ވަސީލަތެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރޭޑިއޯގެ ޚިދުމަތް ޤާޢިމުކުރެވުނީ، 1962 ވަނަ އަހަރުއެވެ. އެދުވަހު ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ރޭޑިއޯ ސްޓޭޝަން، ދިވެހިރާއްޖޭގެ އަޑުން ފުރަތަމަ ފޮނުވި ޓްރާންސްމިޝަންގެ ދިގުމިނަކީ، 4 މިނެޓާއި ދެ ސިކުންތެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ރޭޑިއޯ ސްޓޭޝަން ދިވެހިރާއްޖޭގެ އަޑުގެ ތާރީޚަށް ބަލާއިރު، 4 ފަހަރަކަށް އެ ސްޓޭޝަންގެ ނަން ބަދަލުވެފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ 29 ޑިސެމްބަރ 1962 ވަނަ ރޭޑިއޯގެ ޚިދުމަތް ފެށިގެން ގޮސްފައިވަނީ "މާލޭ ރޭޑިއޯ"ގެ ނަމުންނެވެ. އަދި އޭގެ އަހަރެއްހާ ދުވަސް ފަހުން ސެނެކޯ ރޭޑިއޯއަށް ބަދަލުގެންދިޔައެވެ. 1967 ވަނަ އަހަރު ސެނެކޯ ރޭޑިއޯގެ ނަން، މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިންގ ސާވިސް، އެމް.އައި.ބީ.އެސްގެ ނަމަށް ބަދަލުކުރެވުނެވެ. 1969 ގައި އެމް.އައި.ބީ.އެސްގެ ނަން ރޭޑިއޯ މޯލްޑިވްސްއަށް ބަދަލުކުރެވުނެވެ.ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދޭން ފެއްޓެވިތާ ވޭތުވެދިޔަ 53 އަހަރަށް ބަލާއިރު، ވަރަށް ބޮޑެތި ކުރިއެރުން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖޭގެ އަޑު ހަމައެކަނި ރޭޑިއޯ ޗެނަލްގެ ގޮތުގައި ހިނގަމުން ދަނިކޮށް 2007 ވަނަ އަހަރު އަމިއްލަ ބްރޯޑްކާސްޓަރުންނަށް ފުރަތަމަ ފަހަރަށް ރޭޑިއޯގެ ޚިދުމަތްދޭން ލައިސަންސް ދޫކުރެވުނެވެ. ސަރުކާރާއި، ޗެނަލް ހިންގާ ކުންފުނިތަކާއިއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް ރޭޑިއޯ ސްޓޭޝަނަކީ މޯލްޑިވްސް މީޑިއާ ކޮމްޕެނީގެ ދި އެފްއެމް 95.2 އެވެ. ރާއްޖޭގައި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލުމަކީ ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ. 2007 ވަނަ އަހަރު އަމިއްލަ ފަރާތްތަކަށް ލައިސަންސް ދޫކުރަންފެށި ފަހުން މިވީ 9 އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ އަމިއްލަ ރޭޑިއޯ ޗެނަލްތައް އުފެދިފައިވެއެވެ. އެގޮތުން މިހާރު ޖުމްލަ 18 ފަރާތަކަށް ރޭޑިއޯ ޚިދުމަތް ދިނުމުގެ ލައިސަންސް ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހަމައެކަނި ދީނީ މަޢުލޫމާތަށް ޚާއްސަ ޗެނަލްތަކާއި، ޚަބަރާއި، މުނިފޫހި ފިލުވައިދިނުމުގެ ޕްރޮގްރާމްތައް ގެނެސްދޭ ޗެނަލްތައް ހިމެނެއެވެ. 2011 ވަނަ އަހަރު ބްރޯޑްކާސްޓިންގ ކޮމިޝަނެއް އުފެދި ރޭޑިއޯގެ ޚިދުމަތަށް އިތުރު ކުރިއެރުމެއް އައިސްފައިވެއެވެ.އެގޮތުން ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިން ތަޢާރަފް ކުރެްވުމުގެ މަސައްކަތް މިހާރު އެކޮމިޝަނުން ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަވައެވެ. އެކޮމިޝަނުން މިހާރުވަނީ މިކަމުގެ ގަވާއިދު، ސުލުކީ މިންގަނޑު އަދި ރޯލް އައުޓް ޕްލޭން އެކުލަވާލައްވާފައެވެ. ރޭޑިއޯއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އެކުވެރިއެކެވެ. ކުދި ކުދި، ވަކިވަކިން އުފެދިފައިވާ އެކަހެރި ރަށްތަކުގައި ދިރިއުޅެމުންދިޔަ އަތޮޅުތެރޭގެ ރައްޔިތުންގެ މުނިފޫހި ފިލުވައިދިނުމާއި، އުނގަންނައި ދިނުމާއި، ހޭލުންތެރި ކުުރުމަކީ ރޭޑިއޯއިން ފުޅާދާއިރާއެއްގައި ކޮށްދީފައިވާ ޚިދުމަތްތަކެކެވެ. ޒަމާނަށް އައި ބަދަލުތަކާއިއެކު ޚަބަރާއި މަޢުލޫމާތު ހޯދުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންދިޔަ ނަމަވެސް އަދިވެސް ރާއްޖޭގައި ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްދީފައިވަނީ ރޭޑިއޯއިންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.