ޚަބަރު

ޑެންގީއާއި ދެކޮޅަށް ހުޅުމާލޭގައި ސާފުކުރުމުގެ ބޮޑު ޙަރަކާތެއް


"ޑެންގީ އީޖާބަ" ނަމުގައި ހުޅުމާލޭގައި ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ކުރިއަށްގެންގޮސްފިއެވެ.

މިދުވަސްވަރު ރާއްޖޭގައި ޑެންގީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާތީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ މަދިރި އާލާވާފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. އެޗް.ޑީ.ސީއިން ކުރިއަށްގެންދިޔަ މިޙަރަކާތުގައި ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކުން 100 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މިޙަރަކާތް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވީ، ހުޅުމާލޭގައި ޑެންގީ އިތުރުވަމުންދާކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއަކުވެސް 40 ހަކަށް ކޭސް ރިޕޯޓުކުރާކަމަށް ކަމާބެހޭ ފަރަތްތަކުން މަޢުލޫމާތުދެއްވާކަމަށް ނިޔާޒް ވިދާޅުވިއެވެ. އެހެންކަމުން ޢާއްމުންނާއި ގުޅުންހުރި މިފަދަ ކަމެއްގައި ހުރިހާ ފަރާތަކުންވެސް ގުޅިގެން މިހާރު އޮތް ޙާލަތުން އަރައިގަތުމަށް މަސައްކަތްކުރަންޖެހޭކަން މެންބަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮންމެ ހަފްތާއަކު ހުޅުމަލެއިން 40 ކޭސް އެބަ ރިޕޯޓުކުރޭ. އެއީ ވަރަށް ގިނަ ޢަދަދެއް.އެހެންކަމުން މަދިރިން ރައްކާތެރިވުމަށް އެބަޖެހޭ އެންމެން އެކައްޗެއްކިޔައިގެން މަސައްކަތްކުރަން" ނިޔާޒް ވިދާޅުވިއެވެ.

މިޙަރަކާތުގައި އެޗް.ޑީ.ސީގެ އެމްޑީ އަޙްމަދު އާތިފް ވިދާޅުވީ ހުޅުމާލެއަކީ އެންމެނަށް ރައްކާތެރިތަނަކަށް ހެދުމަށް އެޗް.ޑީ.ސީއިން މަސައްކަތްކުރަމުންދާކަމަށެވެ. އަދި މިފަދަ ކޮންމެ ހަރަކާތަކަށް މުއައްސަސާތަކުންނާއި އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗް.ޑީ.ސީއިން ވިދާޅުވީ، ފޭސް 1 އަދި 2ގައި ކުރިއަށްގެންދިޔަ މިޙަރަކާތުގައި ޢާއްމުކޮށް މީހުން ދިރިއުޅޭ ތަންތަނުގައި ހުރި ފެންހެދޭ ފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. އަދި މީހުން ދިރިނޫޅޭ ސަރަޙައްދުތަކުގައި ހުންނަ މަދިރި އާލާވާ ފަދަ ތަންތަނާއި މަސައްކަތް ކުރަމުންދާ ސައިޓުތަކުގައި ކެމިކަލް ބޭނުންކޮށްގެން މަދިރި އާލާވުން ކޮންޓްރޯލްކުރުމަށްކުރާ މަސައްކަތް މި ޙަރަކާތުގައިވެސް ކުރިއަށްގެންގޮސްފައިވާކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެފައެވެ.

ރާއްޖޭގައި ޑެންގީ ކޭސްތައް މިދުވަސްވަރު އާދަޔާ ޚިލާފަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް 5 މީހަކު ޑެންޖީ ޖެހިގެން ނިޔާވެފައިވާއިރު މިމަހުގެ މެދާހިސާބަށް އައިއިރު 1600 އަށްވުރެ ގިނަ ކޭސް އެކި ސަރަޙައްދުތަކުން ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއާއެކު އެޗް.ޕީ.އޭގެ އިރުޝާދުގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ޑެންގީއާއި ދެކޮޅަށް އަންނަނީ މަސައްކަތްކުރަމުންނެވެ.