ޚަބަރު

ކުޅިވަރާއި ތަޢުލީމާއި ވަޒީފާގެ އެތައް ހާސް ފުރުޞަތުތަކާއެކު ޒުވާނުންނަށް ފަހި ދައުރެއް


ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް އެތައް ފުރުޞަތުތަކެއް ތަނަވަސްކޮށްދީފައިވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވާ ކުރެއްވި ޓްވީޓްގައެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސްކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހިލޭ ޑިގްރީއާ ސްކޮލަރޝިޕް ފުރުޞަތުތަކާ، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކާއި، ކުޅިވަރު ދަނޑުތައް އަދި އެސްއެމްއީ ލޯނުތައް ތަޢާރަފްކުރެވިފައި ވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު، އަހްމަދު މަޚްލޫފްވެސް ވަނީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. މަޚްލޫފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެތައް ޒުވާނުންނަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، އެތައް ހާސް ވަޒީފާގެ ފުރުޞަތުތަކާއި، ދަރިވަރުންނަށް ދަރިވަރުންނަަށް ހިލޭ ޑިގްރީ ފަހިކޮށްދިނުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި ޤައުމީ ޒުވަަނުންގެ ދުވަސް ފާހަގަކުރާއިރު އޮތް ހިތްހަމަޖެހުމަކީ އެކަންކަން ކޮށްދެވިފައި ހުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މި ޓްވީޓްގައި ބައެއް ތަފާސް ހިސާބުތައްވެސް ހިއްސާކުރައްވާފައެވެ.

ޒުވާނުންނަށް ފަހިކޮށްދިން ބައެއް ފުރުޞަތުތައް

1- 20000 އަށް ވުރެ ގިނަ ޒުވާނުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުން
2- 15000 އަށްވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު
3- ކުޅިވަރުގެ އެންމެ ޒަމާނީ ވަސީލަތްތައް ތަރައްޤިކުރުން
4- 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯން
5- 1103 މުދައްރިސުންނަށް ބޭރު ޤައުމުތަކުން ތަޢުލީމް ހާސިލްކުރުމުގެ ފުރުޞަތު
6- 25178 މުވައްޒަފުންނަށް ތަޢުލީމީ ދާއިރާގެ ތަމްރީން ޕްރޮގްރާތައް ހިންގުން

އޯގަސްޓްމަހުގެ ނިޔަލަށް ޤާއިމްކުރި ކުޅިވަރުގެ ބައެއް ވަސީލަތްތައް

1- 10 ރަށެއްގައި ފެންވަރު ރަނގަޅު ވޮލީކޯޓު އަޅާ ނިންމާފައިވުން
2- 30 އަށްވުރެ ގިނަ ވޮލީ ކޯޓުގެ މަސައްކަތް ދަނީ ހިނގަމުން
3- 11 ރަށެއްގައި ބެޑްމިންޓަން ކޯޓު އަޅާ ނިންމާފައިވުން
4- 6 ރަށެއްގައި ސްވިމިންގ ޓްރެކް ހަދާފަފައިވުން
5- 50 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާފައިވުން
6- 38 ރަށުގެ ޒަމާނީ ފެންވަރަށް ފުޓުބޯޅަ ދަނޑު ތަރައްޤީކޮށްފައިވުން
7- 80 އަށްވުރެ ގިނަ ރަށުގައި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ދަނީ ހިނގަމުން

ޒުވާނުންނަށް ތަޢުލީމާއި ކުޅިވަރުގެ ގިނަ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އެންމެ މުހިންމު ބޭނުމަކީ، ޤައުމަށް ބޭނުންތެރި ޢިލްމީ ޒުވާނުން ބިނާކުރުމެވެ.

ސަރުކާރުން ވިދާޅުވާގޮތުން މަސައްކަތުގެ ދާއިރާތަކުން މީހުން ތަމްރީންކުރުމުގެ ފުރުޞަތުތައް ފަހިކޮށްދެނީވެސް، ޤައުމުގެ ތަރައްޤީގައި ބައިވެރިވާނެ ހުނަރުވެރި އަދި ފަންނުވެރި ޒުވާނުން އުފެއްދުމަށެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައެޅުއްވީ 19 ޑިސެމްބަރު 2019 ގައެވެ.

ޒުވާނުންގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ ދުވަހަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލަޔަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސް ކަމަށް ވާތީއާއެވެ. އަދި ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސްކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފަޔާ ގުޅިގެންނެވެ.