ރަށްރަށަށް ދިމާވެފައިވާ އަރާ ފޭބުމުގެ މައްސަލަ ޙައްލުކުރުމަށް ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެކި ރަށްރަށުގައި އަންނަނީ ކުރަމުންނެވެ. މިގޮތުން މިދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އޮތް މިމައްސަލަ ޙައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މަސައްކަތް ނިމުމަކާއި ގާތްވެފައިވާ އެއްރަށަކީ ށ.ފޭދޫގެ ބަނދަރުގެ މަސައްކަތެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ޙަވާލުކޮށްގެން ށ.ފޭދޫ ބަނދަރުގެ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ.
މިމަޝްރޫޢުގެ ދަށުން 27500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި 90 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމަންޓް ވަނީ ޖަހާފައެވެ. މިމަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާއިރު މިމަޝްރޫޢަށް ބޭނުންވާ އެންމެ ފަހުގެ ބޮޑުހިލައިގެ ޝިޕްމަންޓް މިހާރު އެރަށަށް ވަނީ ގެންގޮސްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ށ.ފޭދޫ ކައުންސިލް ރައީސް އަޙްމަދު ރައިސާމް ވިދާޅުވީ މަސައްކަތް އަވަހަށް ނިންމުމަށް އެމްޓީސީސީގެ ޓީމުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު ކުރަމުންދަނީ ބޭރު ތޮށިލުމުގެ މަސައްކަތްކަމަށް ރައިސާމް ވިދާޅުވިއެވެ. މިމަސައްކަތަށް ބޭނުންވާ ބޮޑުހިލަ މިހާރު ލިބިފައިވާއިރު، ބޭރުތޮށީގެ މަސައްކަތް ނިމުމާއެކު ފޭދޫގެ ބަނދަރުގެ މަސައްކަތް އަންނަ ނޮވެމްބަރުމަހުގެ ނިޔަލަށް އެއްކޮށް ނިމޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އާބާދީގައި ގާތްގަނޑަކަށް 330 މީހުން ދިރިއުޅެމުންދާ ފޭދޫއަކީ މަސްވެރިރަށެކެވެ. ބަނދަރުގެ ޖާގައިގެ ދަތިކަން ރަށުގެ މަސްވެރިންނަށާއި އޮޑިވެރިންނަށް ކުރިމަތިވެފައިވާއިރު ރަށަށް އަންނަ އެހެން ރަށްރަށުގެ އުޅަނދުތަކަށް ބަނދަރުން ޖާގަ ނުލިބުމުގެ ދަތިކަން ފޭދުއަށް އޮތީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެހެންނަމަވެސް ބަނދަރުގެ މަސައްކަތް ނިމިގެން ދިޔުމާއެކު ރަށަށް އެކި ގޮތްގޮތުން އަންނާނެ ކުރިއެރުންތައް ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އުތުރުގައި ބާއްވާ ކުޅިވަރު އެކި ޙަރަކާތްތަކުގައި ބައިވެރިވާ ރަށްރަށުން ގިނަ އުޅަނދުތައް އައުމާއި، ޓޫރިޒަމް ފޭދުއަށް ތަޢާރަފްކުރުމާއި މަސްވެރިކަން އިތުރަށް ފުޅާކުރުމަކީ ފޭދޫގެ ބަނދަރާއި ސީދާގޮތުން ގުޅިފައިވާ ރަށުގެ ކުރިއެރުމާއި ގުޅުންހުރި މަޝްރޫޢުތަކެވެ.