ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ކުލަބު ވެމްކޯ ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ލީގު ބުރުގެ އެއްވަނަ ހޯދިއިރު، ކުލަބު އެމްވައިއެސް އަތުން އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ބޮޑު މޮޅެއް ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ހުކުރު ދުވަހުގެރޭ ވަނީ މި މުބާރާތުގެ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ދެ ނަންބަރު ދަނޑުގައި ކުޅުނު މެޗުން ވެމްކޯގެ މައްޗަށް ސިފައިންގެ ކުލަބު ކުރިހޯދީ 6-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ސިފައިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މަތުސުސިމާ ސުމައްޔާއެވެ. އަދި މެޗުގެ 11 ވަނަ މިނެޓުގައި ސިފައިންނަށް ލީޑު ފުޅާކޮށްދިނީ ފާތިމަތު ތީބާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސަބީނާ ޚަތުން ވަނީ ސިފައިންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ސިފައިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސުމައްޔާއެވެ. އަދި މި މެޗުގައި ސިފައިންގެ ކުލަބުން ކާމިޔާބުކުރި ފަހު ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ މައީޝާ އަބްދުލް ހައްނާންއެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެރޭ ރެހެންދި އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލުން އެމްވައިއެސްގެ މައްޗަށް ކުރިހޯދީ 25-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުތަކާއެކު ފަސް ޓީމުގެ މެދުގައި ކުޅުނު މި ފަހަރުގެ 18/30 ފިއެސްޓާގެ ލީގު ބުރު ނިމުނުއިރު، ސިފައިން އެއްވަނަ ހޯދީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ ޓީމު ފެނަކައަށްވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބުނުއިރު، ފައިދާ ލަނޑުން ކުރިހޯދީ ސިފައިންނެވެ. އަދި ތިންވަނައިގައި އޮތް އެމްޕީއެލްއަށް ހަަތަރު މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ވެމްކޯއަށް ހަތަރުވަނަ ލިބުނީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން އެމްވައިއެސް ކެޓީ ހަތަރު މެޗުން ޕޮއިންޓެއް ނުލިބި، ބައިކޮޅަށް 91 ލަނޑު ވަދެގެންނެވެ. އެ ޓީމުން މުބާރާތުގައި ކާމިޔާބުކޮށްފައިވަނީ އެންމެ ލަނޑެކެވެ.