ޚަބަރު

މަސްދުވަހުގެ ތެރޭގަައި އިތުރު 210 އެނދު އޮޕަރޭޝަނަށް


ގެސްޓްހައުސްތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު 14000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ޑެލިއީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް 855 ފެސިލިޓީއަކުން ޖުމްލަ 14006 އެނދު ވަނީ އޮޕަރޭޝަނަަށް ގެނެސްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް އެނދު ނެރެފައިވަނީ ކ. އަތޮޅުގެ ގެސްޓުހައުސްތަކުންނެވެ. އެއީ 7465 އެނދެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް އެނދު ނެރެފައިވަނީ 1876 އެނދާއެކު އއ. އަތޮޅުންނެވެ. 1178 އެނދާއެކު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތަކުގެ އެނދު އޮޕަރޭޓްކުރަމުންދަނީ އދ. އަތޮޅުގައެވެ.

ގެސްޓުހައުސްތަކުން 14006 އެނދު އޮޕަރޭޝަނަށް ގެނެސްފައިވާއިރު، ރާއްޖޭގައި އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ އަދަދު ވަނީ 58671 އަށް އަރާފައެވެ. މި އަދަދު މީގެ މަސް ދުވަސްކުރިން ހުރީ 58461ގައެވެ. އެހެންކަމުން މަސްދުވަސްތެރޭ ވަނީ އިތުރު 210 އެނދު އޮޕަރޭޝަނަށް ގެނެސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ އެނދުގެ ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 40147 އެނދާއި، ގެސްޓު ހައުސްތަކުގެ 14006 އެނދާއި، ހޯމް ސްޓޭގެ 16 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2886 އެނދާއި، ހޮޓާތަކުގެ 1616 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 164 ރިސޯޓު، 855 ގެސްޓުހައުސް، 3 ހޯމް ސްޓޭ ފެސިލިޓީ، 156 ސަފާރީ، 13 ހޮޓާ ހިމެނޭހެން ޖުމްލަ 1191 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

އޮޕަރޭޝަނަށް ގެންނަ އެނދުގެ ޢަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސް ދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.27 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 949605 ފަތުރުވެރިންނާއި އަޅާ ބަލާއިރު 34.3 އިންސައްތަ އިތުރު އަދަދެކެވެ.