ޚަބަރު

މޫސުމީ ބަދަލުތަކާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ގޮވާލައިފި


މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަ ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ގޮވައިލައްވައިފިއެވެ. އޭނާ މިމޭރުމުން ގޮވައިލައްވާފައި ވަނީ، އ.ދ.އާ ވިއެޓްނާމް ގުޅުމަށް 45 އަހަރު ފުރުން ފާހަގަ ކުރުމަށް ހެނޯއީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގުތެރޭޝް ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތަރައްޤީ ވެފައިވާ ޤައުމުތަކަށް ކަމުގައެވެ. އަދި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު 2050ވަނަ އަހަރުގެ ކުރިން މަދު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީ އެ ޤައުމުތަކުގެ އެއްބާރުލުން ލިބިގެން ކަމުގައެވެ.

ޤުދުރަތީ ތެލާއި ބޯޓުދެލި އެންދުން މަދު ކުރުމަށް މިހާރުން މިހާރަށް މަސައްކަތް ފަށަން ޖެހޭ ކަމަށާއި، 2030ވަނަ އަހަރު އަންނަންދެން މަޑު ކުރެވެން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރުން 45 އިންސައްތަ 2030ވަނަ އަހަރުގެ ކުރިން މަދުކޮށްގެން މެނުވީ، 2050އަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ނުކުރެވޭނެ ކަމުގައި ގުތެރޭޝް ވިދާޅުވިއެވެ.

"ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ވިލުންވެރިކަން އިތުރު ކުރުމަށް 100 ބިލިޔަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މުއްސަނދި ޤައުމުތަކުން ވެފައިވާ ވަޢުދު ފުއްދަން ޖެހޭނެ. އެއިން ހޭދަ ކުރަން ޖެހޭނީ މިހާރު ވެސް މޫސުމީ ކާރިސާތައް ކުރިމަތިވެފައިވާ ޤައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން،" ގުތެރޭޝް ވިދާޅުވިއެވެ.

ގުތެރޭޝް މިހެން ވިދާޅުވެފައި މި ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ އ.ދ.ގެ މަހާސިންތާ (ކޮޕް27)އަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ކޮޕް27ގެ ބައްދަލުވުން އޮންނާނީ އަންނަ ނޮވެންބަރު މަހުގެ 6އިން 18އަށް މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމު އައްޝައިޚްގައެވެ.

އެ ބައްދަލުވުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކޮށް، ނަތީޖާ ނެރެވޭ ބައްދަލުވުމަކަށް ހެދުމަށް ގުތެރޭޝް ވަނީ ގޮވައިލައްވާފައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ޤުދުރަތީ ކާރިސާތައް ކުރިމަތިވެފައިވާ ޤައުމުތަކަށް އެހީވުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށާއި، މިއަދު ފިޔަވަޅުތަކެއް ނާޅައިފި ނަމަ، މާދަމާ ލިބެން އޮތް ގެއްލުން މާ ބޮޑުވެދާނެ ކަމުގައި ވެސް އޭނާ ވިދާޅުވެއެވެ.