ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ސީބީއެލް ސްޕޯޓްސް އާއި ވިޔަންސާއިން މުހިންމު މޮޅެއް ހޯދައިފިއެވެ.
ހުކުރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުން ސީބީއެލް ސްޕޯޓްސް މޮޅުވީ އޮއްފު އެފްސީ އަތުން 29 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ސީބީއެލް އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 164 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 61 ލަނޑު ހެދި އަޙްމަދު އަމީލް މައުރޫފާއި 46 ބޯޅައިން 52 ލަނޑުހެ އެއްކުރި އިސްމާޢީލް އަލީއެވެ. ޖަވާބުގައި އޮއްފު އެފްސީ ކުޅެން އަރައި 20 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 92 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 32 ލަނޑު ހެދި އައްސަދު މުނީރެވެ.
މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗުގައި ނިއު ސްޓާ ބައްދަލުކޮށް 29 ލަނޑުން މެޗު ކާމިޔާބުކުރީ ވިޔަންސާއެވެ.
މި މެޗުގެ ގުރުދިމާވުމުން ވިޔާންސާ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 175 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 62 ލަނޑު ހެދި މަސްއޫދެވެ. ޖަވާބުގައި ނިއު ސްޓާ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 146 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން 51 ލަނޑު ހެދި އުމަޕަތީ ގުނަސީލަން އާއި 48 ބޯޅައިން 43 ލަނޑު އެއްކުރި އަނޫފެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ ހަތަރުވަނައިގައި ސީބީއެލް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. ތާވލުގެ ތިންވަނައިގައި އޮތް މާލޭ ވެޓެރަންސްއަށްވެސް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ދެވަނައިގައި އޮތް ވިޔަންސާއަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް މިލާން ކްރިކެޓް އެކެޑަމީއަށް ވަނީ ހަ މެޗުން 18 ޕޮއިންޓް ލިބިފައެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހުވެސް ދެ މެޗު ކުޅޭއިރު، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.