ޚަބަރު

ފެޒޫގެ އާދަޔާ ޚިލާފު ހުށަހެޅުމެއް، ހިތުގެ އެންމެ ފުނަށް!


ލަވަޔާއި މިއުޒިކަކީ އޭގެ ހަމަޔާއެކު އެކި ރާގުތަކުން އިންސާނުންގެ އިޙްސާސްތަކާ ކުޅެލާއެއްޗެކެވެ. ޅެންވެރިންގެ ޝާޢިރާނާ ޚިޔާލުތަކަށް "ފުރާނަ"އަޅުވައިދީ އެއަށް ދިރުން ގެނުވައިދެނީ މިއުޒިކީ ފަންނާނުންނެވެ. ޢާންމު ވާހަކަދެއްކުންތަކުން ބުނެލުމަށްވުރެ ލަވަޔާއި މިއުޒިކާއި ޅެންވެރިކަމުން ބުނާ ބުނުންތަކުގެ އަސަރު ގަދަކަމަށް ބުނެވެއެވެ.

މިދެންނެވި މިއުޒިކީ ފަންނާނުންގެ އޯޑިއަންސަކީ އެމީހުންގެ ޝޯވްތައް ބަލަން އެއްވާ މީހުންނެވެ. މިއުޒިކީ މެހެފިލްތަކާއި މިއުޒިކް ޝޯވްތަކަށް އެއްވާ މީހުންނާއި ރަސްމީ ޖަލްސާތަކަށްދާ ޢާންމު ޖަލީސުން ވަރަށް ތަފާތެވެ. މިދެންނެވި ދެ މާޙައުލުވެސް ވަރަށް ތަފާތެވެ.

ޤައުމީ ފެންވަރުގެ ރަސްމީ ޖަލްސާއެއްގައި މިއުޒިކީ ފަންނާނެއްގެ މިއުޒިކުން ބޭރު ޙަރަކާތަކަށް މުޅި ޖަލްސާގެ ސަމާލުކަން ހުއްޓޭފަދަ ޙާލަތެއް ޢާންމުގޮތެއްގައި މެދުވެރިއެއް ނުވެއެވެ. އެހެންނަމަވެސް އެންމެފަހުން ބޭއްވި ޤައުމީ އިނާމުދިނުމުގެ ޤައުމީ ޖަލްސާއަކީ މިފަދަ ޖަލްސާއެކެވެ.

ދަންނަވަން މިއުޅެނީ ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް "ޑިޓިއުން"ގެ މަސްއޫލުވެރިޔާ ފާޠިމަތު ފެޒްލީން، ފެޒޫގެ ވާހަކައެވެ.

މިޖަލްސާގައި ޑިޓިއުން ބޭންޑަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވާފައެވެ. މި ބޭންޑުގެ މެމްބަރުންނާ ޤައުމީ އިނާމު ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޑީ ޓިއުން ބޭންޑުގެ މަސްއޫލުވެރިޔަކީ، އެ ބޭންޑުގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން މެންބަރު ފާޠިމަތު ފެޒްލީނެވެ. ބޭންޑުގައި ދެން ހިމެނިވަޑައިގަންނަވަނީ، އަޙްމަދު ފުރްޤާނާއި، ޢަލީ ޝާފިޢުއާއި، އަޙްމަދު ޢާޞިފާއި، ޙަސަން ފާތިޙެވެ. 2006ވަނަ އަހަރު އުފެއްދި މި ބޭންޑަށް މިހާރު 16 އަހަރު ފުރިފައިވާއިރު، އާދަޔާ ޚިލާފު އެއް ހަޤީޤަތަކީ މި މެމްބަރުން، ފުރަތަމަ ދުވަހުން ފެށިގެން ވޭތުވެދިޔަ 16 އަހަރުވެސް ދެގޮތެއްނުވެ އެއް ޢާއިލާއެއްގެގޮތުގައި ބޭންޑުގައި ތިބިކަމެވެ.

2022ވަނަ އަހަރުގެ ޤައުމީ އިނާމު ދިނުމުގެ ޖަލްސާއަށް މި ބޭންޑުގެ މެމްބަރުން ވަދެގެން އައިއިރު، މުޅި ޖަލްސާގެ ނަޒަރު ވަނީ މިމެމްބަރުންނަށް ހުއްޓިފައެވެ. އެތައް ސަބަބުތަކާހެދިއެވެ. މިއުޒިކީ މާޙައުލުތަކުން ފެންނަ ރާއްޖޭގެ މަޝްހޫރު ބޭންޑެއް މިފަދަ ހަފްލާއެއްގެ ޖަލީސުންގެގޮތުގައި އައުން އެއީ އެއް ސަބަބެވެ. މި މެމްބަރުންގެ ހެދުން އެޅުމާއި ޒީނަތްތެރިވުމުގެ ވައްޓަފާޅިއަކީވެސް ސަބަބެކެވެ. ދެން މިފަދަ އެތައް ސަބަބެއް ހުރެދާނެއެވެ.

ކޮންމެއަކަސް ޖަލްސާގައި އިނާމު ދިނުމުގެ ބައި ނިމި، އިނާމު ލިބުނު މީހުންގެ ފަރާތުން ވާހަކަދައްކާނީ ޑިޓިއުން ބޭންޑުގެ މަސްއޫލުވެރިޔާ ފާޠިމަތު ފެޒްލީންކަމުގައި ޢިއުލާންކުރުމާއެކު، ޖަލީސުންގެ މޫނުމަތިން ފާޑެއްގެ ކުލަވަރެއް ފެނުނެވެ. އެތައް ދާއިރާއަކުން އެތައް ބަޔަކަށް ޤައުމީ އިނާމު ލިބުނު ޖަލްސާއެއްގައި އެ އެންމެންގެ ފަރާތުން ވާހަކަދައްކަންވީ މިއުޒިކު ކުޅޭ މީހެއް ހެއްޔެވެ؟ ވާހަކަދެއްކުމާއި، ހުށަހެޅުމާއި ކިޔަވައި ދިނުމާއި ތަޤުރީރު ކުރުންފަދަ އެތައް ފަންނެއްގެ އެތައްބަޔަކަށްވެސް ހަމަ މިރޭ ޤައުމީ އިނާމު ލިބުނެވެ. ދެން ފެޒޫ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ނަޒަރު ހުއްޓިފައިވާ ފެޒޫ، ޕޯޑިއަމަށް އަރައި ވާހަކަދައްކަން ފެށިއެވެ. އޭގެފަހުން އޭނާގެ ވާހަކަ ނިމުމާމެދު ހޭދަވި ކޮންމެ ސިކުންތެއްގައި އިސްވެ ދެންނެވި ސުވާލުތަކަށް އެތައް ހާސް ޖަވާބެއް ލިބެމުން ދިޔައެވެ. އެތައް ރޮނގަކުން ޤައުމަށް، އެތައް ޚިދުމަތެއް ކޮށްދިން އެތައް ބަޔެއްގެ ހިފެހެއްޓުމެއްނެތް ޝުކުރުގެ ޖިޒީތައް ފެޒޫ ފޮނުވީ މައިންބަފައިންނަށެވެ. އެ ޚިދުމަތްތެރިން މިދުނިޔެއަށް އުފަންކޮށް އެއީ ޤައުމީ ޚިދުމަތްތެރިންނަށް ހެދުމަށް ޤުރުބާންވެދިޔަ މައިންބަފައިންނަށެވެ. ޤައުމަށް ޚިދުމަތް ކުރުމުގައި، ޤައުމުގެ ނަން ދިރުވުމުގައި ވަކި ޖިންސެއް ވަކި ފަންނެއްގެ ތަފާތެއް ނެތްކަން ހާމަކުރިއެވެ. މި ޢަޒީޒު ބިމަށް ނިސްބަތްވާ ކޮންމެ މީހެއްގެ ޤައުމީ ޒިންމާއެއް ވާކަން ހަނދާންކޮށްދިނެވެ.

ފެޒޫގެ ވާހަކާގައި އައިބުކަމެއް ނެތެވެ. ކޮށިކަމެއް ނެތެވެ. ކޮރުކަމެއްވެސް ނެތެވެ. އެފަދަ ކަމެއް ހުރެދާނެކަމަށް ހީވެދާނެ މީހުންނަށް އޭނާ އިސްވެ ޖަވާބުވެސް ދިނެވެ. މިއީ އޭނާގެ ޢާއްމު އޯޑިއަންސް ނޫންކަމަށާ، އެހެންކަމުން ކޮންމެވެސް ވަރެއްގެ ފިނުވުމެއް އިޙްސާސްކުރެވޭކަމަށް ބުންޏެވެ.

އެހެންނަމަވެސް އޭނާގެ ވާހަކަ ނިންމާލިއިރު، މުޅި ޖަލީސުންގެ ލޯތަކުންވަނީ ކަރުނަ ހިލިފައެވެ. ފުން ހިމޭންކަމުގެ ސްކޫތަކަށްފަހު ތަރުޙީބުގެ އަތްތިލަބަޑިއަކުން މުޅި ހޯލު ގުގުމާލިއެވެ.

ޤައުމީ އިނާމު ދިނުމަށް ބޭއްވެވި ރަސްމީ ޖަލްސާ


ޤައުމަށްޓަކައި ފެޒޫގެ ހިތުގައި އޮތް ލޯބި އޭނާ ހާމަކުރީ ހިތްގައިމު ޤައުމީ ލަވަޔަކުންނެވެ. މިއުޒިކާ ނުލައި މަޑުމައިތިރި ޓޯނެއްގައި އޭނާ ކިޔައިލީ، "އިލާހީ މިބިން ކުރައްވާށިއެ، އަމާން، ... " މި ލަވައިގެ ތަންކޮޅެކެވެ. މި ބިމަށްވުރެ ވަކި ޢަޒީޒު އެހެންތަނެއް ނެތްކަމުގެ އިޤުރާރާއެކު ފެޒޫ އެދުނީ ޤައުމަށް ޚިދުމަތް ކުރުމަށެވެ. ޤައުމިއްޔަތުގެ ކުރިއަށް އެހެން އެއްވެސްކަމެއް އިސް ނުކުރުމަށެވެ. މިއީ ކޮންމެ ފަންނެއްގެ ކޮންމެ މަސައްކަތެއްކުރާ ކޮންމެ މީހެއްގެ ޤައުމީ ވާޖިބެއްކަން އޭނާވަނީ ހަނދާންކޮށްދީފައެވެ.