ޚަބަރު

"ރިލެޕްސް"ވުމުން ސަލާމަތްކުރަން ވަޒީފާގެ މަގު!


މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށްފަހު މުޖުތަމަޢަށް ދޫކޮށްލުމުން އަނެއްކާ އެނބުރި މަސްތުގެ ދުނިޔެއަށް ދިއުމަކީ އެންމެ ބޮޑު އެއް މައްސަލަ ކަމަށާ، އެކަމުގެ ހައްލެއްގެ ގޮތުން މިހާރު އެފަދަ މީހުންނަށް ވަޒީފާ ލިބޭނެ މަގެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ވިދާޅުވެއްޖެއެވެ.

އެންޑީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއާމަން، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް ވިދާޅުވީ މިހާރު އެންމެބޮޑަށް ދިމާވާ އެއް މައްސަލައަކީ ފަރުވާ ދިނުމަށް ފަހު އަނބުރާ މުޖުތަމަޢަށް ފޮނުވާ މީހާ އަނެއްކާ ވެސް މަސްތުވާތަކެތި ބޭނުންކޮށް ފަރުވާއަށް އެދި އައުންކަމަށެވެ. އެއީ "ރިލެޕްސް"ވުން ކަމަށާ، މަސްތުވާތަކެތި ބޭނުންކޮށް ހުއްޓާލާ ބައެއްމީހުންނަށް އެކަން ދިމާވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މިކަންކަން ހައްލުކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. މީގެ އެންމެ ބޮޑު އެއް ހައްލަކީ މީހާ އުޅޭ މާހައުލު ބަދަލުވެ މީހާގެ ދިރިއުޅުމުގެ އާދަތައް ބަދަލުވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަމާއު ވިދާޅުވީ އެ އާދަތަކާއި މާހައުލު ބަދަލުކުރަން ރާއްޖޭގައި އޮތް އެންމެ ފަހި މަގަކީ ވަޒީފާގެ ފުރުސަތު ކަމަށެވެ. އެކަމަކު އެކަމުގައި ވެސް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވަޒީފާއެއް ނުލިބޭ މިމީހުންނަށް. ގިނަ ތަންތަނުން ބަލައެއް ނުގަނޭ ކުށުގެ ރެކޯޑް އޮންނާތީ. އެކަން ބަދަލުކުރަން އަޅުގަނޑުމެން ބޭނުންވަނީ. މިހާރު މިދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ރިސޯޓް ހިންގާ ފަރާތްތަކާ މަޝްވަރާ ކުރަމުން. މިމީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން." ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ ވަޒީފާގައި ހުރި ދަތިތައް ހައްލުކޮށް މުޖުތަމަޢުން އެފަދަ މީހުންނަށް ފުރުސަތު ހޯދައިދީގެން އެމީހުން ނެރެދޭން މިހާރު ވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވާނެކަމަށާ، އެއާއެކު ވަޒީފާގެ ފުރުސަތުތަކެއްވެސް ހަމަޖެހިގެންދާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިކަމަށް ދޭ އެއްބާރުލުން ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ އާންމުގޮތެއްގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން ކިޔަވައިގެން ތިބި ހަރުދަނާ މީހުން ވެސް އުޅޭކަމަށެވެ. މިސާލެއްގެ ގޮތުން ދާދި ފަހުން ޖަލުން މިނިވަން ކުރި 32 މީހެއްގެ ވާހަކަ ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެމީހުން ވެސް މިހާރު ތިބީ ވަޒީފާތަކުގައި ކަމަށެވެ.

ޝަމާއު ވިދާޅުވިގޮތުގައި މަސްތުވާތަކެތިން މީހުން މުޅިން ސަލާމަތް ކުރުމަށް އޮތް އެންމެ ބޮޑު ހައްލަކީ އާންމުން އެމީހުންނާމެދު ދެކޭ ގޮތް ބަދަލުކުރުމެވެ. އެންޑީއޭއަށް ގޮސް ފަރުވާ ހޯދައިގެން ނުކުންނަށް މީހާއަށް ރަނގަޅުމަގުން ކުރިއަށްދާން، މުޖުތަމަޢުގެ ތެރެއިން އެކަށީގެންވާ އެހީތެރިކަމާއި އެއް ބާރުލުން ފޯރުކޮށްދެވިއްޖެ ނަމަ އެމީހަކީ މުޖުތަމައުއަށް ބޭނުން ހިފޭ ރަނގަޅު މީހަކަށް ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.