ޚަބަރު

ޗާގޯސް މައްސަލާގައި ރާއްޖެއިން މޮރިޝަސް ކޮޅަށް


އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމައިފިއެވެ.

އިނގިރޭސީންގެ ބާރުގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްގެ އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.

ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ރާއްޖެއިން ނިންމިކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ. އޭޖީ މިކަން އިއުލާންކުރެއްވީ ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލާގައި ބޭއްވި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައެވެ. ރިފްއަތު ވިދާޅުވިގޮތުގައި ރާއްޖެއިން މިގޮތަށް ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅިގެން ދިމާވެފައިވާ މައްސަލަ އަވަހަށް ހައްލުކުރުމަށެވެ.

މީގެ ކުރިން ޗާގޯސްގައި ނެގި ވޯޓުތަކުގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް އެރީ ވެސް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުން ލިބޭ ސަރަހައްދު ކަށަވަރުކުރުމަށް ކަމަށް އޭރު ބުނެފައިވެއެވެ. މި ފަހަރު ވެސް ހަމަ އެ ސަބަބަށްޓަކާ ނިންމުން ބަދަލުކޮށްފައިވާއިރު މޮރިޝަސްއާ ރާއްޖެއާ ދެމެދު މައްސަލަ ދިމާވެފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ އިޤްތިޞާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

މޮރިޝަސް އިން މި މައްސަލަ ހުށަހެޅީ 2010 ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުންނެވެ. އެގޮތުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ހުށައަޅާފައެވެ. މޮރިޝަސް އިން އިއުތިރާޒް ކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިޤްތިޞާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ.

މި މައްސަލާގައި ވަކާލާތުކުރައްވަމުން އޭޖީ ވިދާޅުވީ މުޅި މި މައްސަލައަކީ ވެސް ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައަކަށް ވުރެ ބޮޑަށް ޗާގޯސް މައްސަލައާ ގުޅުންހުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އެހެންވެ ރިފްއަތު ވިދާޅުވީ ޗާގޯސް މައްސަލާގައި ރާއްޖެއިން މޮރިޝަސް އާ އެއްކޮޅަށް ވޯޓުދޭން ނިންމި ނިންމުމާ ގުޅިގެން، ކަނޑުގެ ސަރަހައްދީ އިމުގެ މައްސަލާގައި މޮރިޝަސްއިން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ ވެސް އެ ގައުމުން އަނބުރާ ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރިފްއަތު ވިދާޅުވީ މި މައްސަލާގައި ޗާގޯސްގެ އުތުރުން މޮރިޝަސްގެ ސަރަހައްދެއް ކަމަށް ކަނޑައަޅަން އެދިފައިވާ ސަރަހައްދަކީ ރާއްޖޭގެ އިމުން 22،000 ސްކުއެއަރ ކިލޯމީޓަރު ގެއްލޭ ސަރަހައްދެއް ކަމަށެވެ. މޮރިޝަސްގެ މި ދައުވާ އަކީ ކުއްލި ކަމެއް ކަމަށާއި، މީގެ ކުރިން 10 އަހަރު ވެގެން ދިޔަ އިރު ވެސް އެ ގައުމުން އަބަދުވެސް ވަކާލާތު ކުރަމުން އައީ 200 ނޯޓިކަލް މޭލުގެ ސަރަހައްދަކާ ގުޅިގެން ކަމަށް ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ އެ މައްސަލައިގައި ޖަވާބުދާރީވާނެ ފުރުސަތެއް ރާއްޖެއަށް ލިބިފައި ނުވާއިރު، މޮރިޝަސްއިން އެކަމުގައި ހުށަހަޅާފައި ވަނީ ވެސް އެއްވެސް ބުރަދަނެއް ނެތް ހެކިތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ބޭރުގައިވާ ޓެކްނިކަލް އެތައް ކަމަކަށް ރާއްޖެއިން ދިރާސާކޮށް ބަލަން މަޖުބޫރުވި ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް މި މައްސަލާގައި ވަކާލާތުކުރުމަށް ދަތިތަކާ ކުރިމަތިވިކަން ވެސް ރިފްއަތު ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް މި މައްސަލައާ ގުޅިގެން މޮރިޝަސް އިން ހަދާފައިވާ ސާވޭ އަށް އަލިއަޅުއްވާލައްވާ ވިދާޅުވީ އެ ސާވޭގެ ނަތީޖާ އަކީ ބޭކާރު އެއްޗެއް ކަމަށާއި އޭގެއިން މޮރިޝަސްއިން ބޭނުންވާ ފަދަ ނަތީޖާއަކަށް ވާސިލްވެވިފައި ނުވާ ކަމަށެވެ. މޮރިޝަސްއިން ހެދި މި ބޮޑު ސާވޭއަށް ހޭދަވި ފައިސާ އަނބުރާ ހޯދުމަށް ވެސް އެ ގައުމުން ދައުވާކޮށްފައިިވެއެވެ. އެކަމަކު ރާއްޖެއިން ޗާގޯސް މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭނެ ކަން ދެ ގައުމުގެ ވެރިންގެ މެދުގައި ސިޓީން މަޝްވަރާކުރެވިފައިވާތީ އެކަމާ ގުޅިގެން އެ ދައުވާ އަނބުރާ ގެންދަން ނިންމާފައިވާކަން ފާހަގަކުރައްވާ އޭޖީ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.