ޚަބަރު

ލޮނުފެން ލީކުވާ މައްސަލަ ހައްލުވަންދެން އެސަރަޙައްދުގައި ވެހިކަލް ދުއްވުމަށް ރޭމްޕެއް


ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާއިން މަގުގެ އަޑިން ލޮނު އަރާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރާ ވަގުތުތަކުގައި ވެހިކަލް ދުއްވުމަށް އެތަނުގައި ރޭމްޕެއް ހަރުކޮށްފިއެވެ.

ބޮޑުތަކުރުފާނުމަގުން ސްޓެލްކޯގެ ގޭޓް ނަންބަރު 2ކާއި ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވުމުން ފެން އަރަމުންދާ ސަބަބު ހޯދައި ބެލިއިރު އެ ފެނަކީ އެކުންފުނީގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ލީކުވާ ފެންކަންވަނީ އެނގިފައެވެ. އެހެންކަމުން މަގުގެ އަޑިން ލޮނު އަރާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިދިޔަ ބުދަ ދުވަހުގެ ރޭވަނީ ފަށާފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑުގެ އަޑީގައި އަޅާފައިވާ ފެން ހޮޅިއަކީ ސްޓެލްކޯއަށް ބޭނުންވާ ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެކެވެ. އެތަނުން ލޮނު އަރާ މައްސަލަ ބޮޑުވެގެން ސިޓީ ކައުންސިލްގެ ހުއްދައާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާ އެ ސަރަޙައްދުން އަރާ ލޮނު ބޭރުކުރުމަށްޓަކައިވަނީ ވަގުތީ ޑީ ވޯޓަރިން ހޮޅިތަކެއް އަޅާފައެވެ. އަދި މިހާރު ފެން އަރާ ސަރަހައްދުގައި އޮތް ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ޑީ ވޯޓަރިންގެ މަސައްކަތް ކުރިޔަށް ދާ ވަގުތު ވެހިކަލްތަކަށް މަގު ބޭނުން ކުރެވޭ ގޮތް ހެދުމުގެ ގޮތުން ރޭމްޕް ހަރުކުރުމުގެ މަސައްކަތް ނިންމާ މިހާރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯގެ ޑިވޯޓަރިން ހޮޅި ފަޅައިގެންގޮސް އެ ސަރަޙައްދަށް ފެން އަރާ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ދީފައިވަނީ 3 ދުވަހުގެ މުއްދަތެކެވެ. އަދި އެމުއްދަތަށް އެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.