ކުޅިވަރު

އެޗްޑީސީ އާއި އެސްޓީއޯއަށް އެއްވަނަ، ދެވަނަ ބުރުގެ ފަހު ޖާގަތައް ސިފައިންނާއި އެލައިޑަށް


ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ދެވަނަ ބުރުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުލަބް އެޗްޑީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބުން ޖާގަ ހޯދިއިރު، ދެވަނަ ބުރުގެ ފަހު ޖާގަތައް ދިވެހި ސިފައިންގެ ކުލަބް އަދި ޓީމް އެލައިޑުން ހޯދައިފިއެވެ.

ރެހެންދި ޓާފް ދަނޑުގައި، ބުރާސްފަތި ދުވަހުގެރޭ ވެސް ހަތަރު މެޗެއް ވަނީ ކުޅެފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗު އެޗްޑީސީން ކާމިޔާބުކުރީ ކުލަބް ޓީޓީއެސް 5-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.

މި މެޗުގައި އެޗްޑީސީގެ އަބްދުﷲ ޝާފިއު އާއި އަޙްމަދު ސިޒާން ވަނީ ދެ ލަނޑު ޖަހާފައެވެ. އެޗްޑީސީން ކާމިޔާބުކުރި ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ވިސާމްއެވެ.

މި މެޗުގައި ޓީޓީއެސްގެ ކީޕަރު މުޙައްމަދު ރުޝްދާން އަޙްމަދަށް ރަތްކާޑު ދެއްކިއިރު، އެ ޓީމުން ކާމިޔާބުކުރި ލަނޑުތައް ފެނިގެންދިޔައީ މި ރަތްކާޑަށް ފަހުގައެވެ. ޓީޓީއެސްގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ފައިސަލް އާއި ހަސަން ނާއިމްއެވެ.

ގްރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގަިއ ދިވެހި ސިފައިންގެ ކުލަބުން ދެވަނަ ބުރުން ޖާގަ ހޯދީ އެމްއެމްއޭ ސްޕޯޓްސް ކުލަބް 6-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗުގައި ސިފައިންގެ ކުލަބްގެ އަލީ ސިމާޙް ދެ ލަނޑު ޖެހިއިރު، ދެން އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އިބްރާހީމް އަޙްމަދާއި، މުޙައްމަދު އަލާއުގެ އިތުރުން އިބްރާހީމް އަޙްމަދެވެ.

އެމްއެމްއޭގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ފާރިޝް އާއި އިބްރާހީމް ސައިފްއެވެ.

ގްރޫޕް އެޗުގެ އެއްވަނަ ޓީމުގެ ގޮތުގައި އެސްޓީއޯ އިން ދެވަނަ ބުރުން ޖާގަ ހޯދީ މުލިއާގެ 10-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.

މި މެޗުގައި އެސްޓީއޯގެ އިސްމާއިލް އީސަ (މެސީ) އާއި އަޙްމަދު ޒިފާން އިބްރާހީމް ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން އެ ޓީމުން ކާމިޔާބުކުރި ލަނޑުތައް ޖެހީ، ހުޒައިފަތު ރަޝީދާއި، އިޔާން އަހްމަދު ރަޝީދާއި، ހަސަން މުޙައްމަދުގެ އިތުރުން އަލީ އިފާޒްއެވެ.

ގްރޫޕް އެޗުގެ ދެވަނަ ޓީމުގެ ގޮތުގައި ޓީމް އެލައިޑުން ދެވަނަ ބުރުން ޖާގަ ހޯދީ ކުލަބް އިމިގްރޭޝަންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މެޗުގައި އެލައިޑްގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އިބްރާހީމް ހާމިދު އާއި މުޙައްމަދު އިސާމްއެވެ.