ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރުދައްކާލަން މައުރަޒެއް


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުސަދުގައި ބާއްވާ “ރިވެލި ތަރި” މައުރަޒަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި މައުރަޒަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މައުރަޒެކެވެ.

“ރިވެލި ތަރި” މައުރަޒުގެ މައިގަނޑު މަޤުސަދަކީ މި މައުރަޒު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.

މި މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މަހުގެ 02 ވަނަ ހަފުތާގެ ތެރޭގައެވެ. މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މި މިނިސްޓްރީން ކަމާއި ގުޅުންހުރި މަޢުލޫމާތު ހިއްސާކުރާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޢުރަޒަށް 5 ދާއިރާއަކުން ތަކެތި ހުށައެޅޭނެއެވެ.

މަޢުރަޒަށް ތަކަތެި ހުށައެޅޭނެ ދާއިރާތައް

* އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއާ
* އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއާ
* ދަނޑުވެރިކަމުގެ ދާއިރާ
* ކުރެހުމުގެ ދާއިރާ
* ކާބޯތަކެތި ތައްޔާރުކުރުމުގެ ދާއިރާ

މި މައުރަޒަށް ކުރިމަތިލާނީ “ރިވެލި ތަރި” މައުރަޒަށް ހުށަހަޅާ ފޯމުންނެވެ. އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ފޮނުވުމަށް ހަމަޖެހިފައިވަނީ [email protected] މެއިލަށެވެ.

“ރިވެލި ތަރި” މައުރަޒަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގް (7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބެން ހުންނާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

“ރިވެލި ތަރި” މައުރަޒަށް ކުރިމަތިލުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 30 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިންނެވެ.