ޚަބަރު

8 އަހަރު ތެރޭގައި އިތުރުވީ 16،897 ދިވެހިން، ޖުމްލަ އާބާދީ 452،000އިން މަތި


ބޯހިމެނުމުގައި މިހާތަނަށް އެއްކުރެވުނު މައުލޫމާތުން، ރާއްޖޭގެ އާބާދީއަށް 8 އަހަރުން އިތުރުވެފައިވަނީ 16،897 ދިވެހިން ކަމަށް ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބޯހިމެނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އެއްކުރި މަޢުލޫމާތަށް ބަލާއިރު މުޅި ރާއްޖޭގެ އާބާދީއަކީ 452،498އެވެ.

8 އަހަރަށް ފަހު ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާއިރު، ސްޓެޓިސްޓިކް ބިއުރޯއިން ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމަޔަށް އެއްކުރި މަޢުލޫމާތަށް ބަލާއިރު ރާއްޖޭގައި އުޅެނީ 355،331 ދިވެހިންނެވެ.

މިއީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަށް ވުރެ 16،897 މީހުން އިތުރު އަދަދެކެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުން ދެއްކި ގޮތުގައި އޭރު ރާއްޖޭގައި އުޅުނު ދިވެހިންގެ އާބާދީއަކީ 338،434 މީހުންނެވެ.

މީގެ އިތުރަށް 2014 ވަނަ އަހަރު ރާއްޖޭގައި ބިދޭސީންގެ ޢަދަދު 63،637 ގައި ހުރިނަމަވެސް މިހާރު ވަނީ 33،527 ބިދޭސީން އިތުރުވެފައެވެ. އެގޮތުން މިހާރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަނީ 97،164 އަށް އިތުރުވެފައެވެ. މިއާއެކު ރާއްޖޭގައި އާބާދީ ވަނީ 452،495 އަށް އަރާފައެވެ. 2014 ވަނަ އަހަރުގެ އާބާދީއަކީ 402،071 އެވެ. މިތަފާސްހިސާބަށް ބަލާއިރު ރާއްޖޭގެ އާބާދީއަށް 50424 މީހުން މިވަނީ އިތުރުވެފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވީ ބިދޭސީންގެ އަދަދަކީ އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ އަދަދުގެ 65 އިންސައްތަ ކަމަށްވާތީ މި އަދަދު އިތުރަށް ފުރިހަމަކުރަން މަސައްކަތްކުރާ ކަމަށެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ މިހާތަނަށް ގުނުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން 89 އިންސައްތަކަމަށެވެ. އަދި މިހާތަނަށް މައުލޫމާތު ނުލިބޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް އެ ބިއުރޯއިން ވިދާޅުވެއެވެ.

އެ ބިއުރޯއިން ވިދާޅުވީ މިހާތަނަށް މައުލޫމާތު ނުދެވި ތިބި މީހުން އެ ބިއުރޯގެ ހޮޓްލައިނަށް ގުޅައިގެން ނުވަތަ އޮންލައިންކޮށް ވެސް ބޯހިމެނުމަށް މައުލޫމާތު ދެވޭނެއެވެ. އަދި މީހުން ނޫޅޭ ގެތަކުގެ މައުލޫމާތު ވެސް އެ ބިއުރޯއަށް އަންގަން އެދޭ ކަމަށް އެ ބިއުރޯއިން ވިދާޅުވެއެވެ. އަދި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޕޯސްޓް އެނިއުމަރޭޝަން ކޮލިޓީ ވަޒަންކުރުމަށް ދިރާސާއެއްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ވިދާޅުވެއެވެ.

ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއްއަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. މީގެ ދަށުން ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރެއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތުވެސް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ.