ޚަބަރު

މިބިމަށް ތިމާ އުފަންވެ، މިފަސްގަނޑަކަށް ތިމާ ނިސްބަތްވީތީ މިޤައުމުދެކެ ލޯބިވާން ޖެހޭ: ރައީސް


މިރާއްޖެ ދެކެ ލޯބިވާންވާނީ މިތަނުން ލިބޭ މަންފާއެއްގެ ސަބަބުން އެކަނި ނޫންކަމަށާއި، އެބިމަކަށް ތިމާ އުފަންވެ، އެ ފަސްގަނޑަކަށް ތިމާ ނިސްބަތްވީތީ މިޤައުމުދެކެ ލޯބިވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ އިނާމު ދިނުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި އަހަރުގެ ޤައުމީ އިނާމު ދިނުމުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޤައުމިއްޔަތާމެދު ވިސްނާ ފިކުރުކުރުމަށާ، ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި މިހާރު ކުރަންޖެހެނީ ކޮންކަމެއްތޯ ބެލުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ޤައުމިއްޔަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ފަޚުރުވެރިވާ ދިވެހި ޤައުމިއްޔަތުގެ ބުންޔާދަކީ އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވުމަށްޓަކައި އުތީމް ތިންބެއިންނާއި ދެހާޖީންނާއި ދަންޑެހެލުގެ ފަހަތްޕުޅުގައި ހިތްވަރުގަދަ ދިވެހިން ކުރި ޖިހާދެއް. އެޖިހާދުގެ އާރަކީ ވަޒަނުގެ އަހުލުވެރިން އީމާންވެގެންތިބި އެއްކައުވަންތަކަމުގެ އަގީދާއާއި މި ފަސްގަނޑާމެދު އެބައިމީހުންގެ ހިތްތަކުގައި އޮތް ލޯބި. އެލޯބި ނެތްނަމަ މިއަދު ޒިކުރާ އާކުރާނެ ބޮޑުތަކުރުފާނެއް ނުއުފެދުނީސް. ޤައުމީ ދުވަހެއްވެސް ދިވެހި ރާތީޚުގައި ނުލިޔެވުނީސް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އަޅުގަނޑުމެން މިއަދު ވިސްނަންވީ ދިވެހި ޤައުމިއްޔަތާ ދެކޮޅަށް ދޭ ޙަމަލާތަކުން ދިފާޢުވުމަށްކަމަށާ، އެ ޙަމަލާތަކުގެ ހަތިޔާރަކީ ކަނޑިބަޑިއާއި ސިލޭހައެއް ނޫންކަމަށް ވިދާޅުވިއެވެ. މިއަދު ހަމަލާތައް އަމާޒުކުރަނީ ދިވެހިންގެ ޖިސްމަށާއި ފުރާނައަށްވެސް ނޫންކަމަށް ވިދާޅުވެ ރައީސް ވަނީ އެ ހަމަލާތައް އަމާޒުކުރަނީ ވިސްނުމާއި ފިކުރަށްކަން ފާހަގަކުރައްވައި އެކަމާމެދު ސަމާލުވެ އެކަމާ ދެކޮޅަށް ތެދުވުމަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ޤައުމިއްޔަތަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަކަަމަށާ، އެ ހަނގުރާމައިން ދިފާޢުވެ ޤައުމިއްޔަތު ދިރުވުމަށްޓަކައި ދިވެހިންގެ ހިތްތަކުގައި އުފައްދަންވީ ޤައުމީ ލޯބިކަމަށެވެ. އަދި އެކަމަށްޓަކައި ޅަދަރީންގެ ހިތްތަކުގައި ހުއްބުލްވަޠަންގެ ލޯބި އަށަގެންނެވުމަށް ރައީސް ގޮވައިލެއްވިއެވެ. ރައީސް ވިދާޅުވީ، ޤައުމުދެކެ ލޯބިވާންވާނީ ޤައުމުން ލިބޭ މަންފާއަކުން އެކަނި ނޫންކަމަށާ، ޤައުމުދެކެ ލޯބިވާންވީ އެބިމަކަށް ތިމާ އުފަންވެ، އެ ފަސްގަނޑަކަށް ތިމާ ނިސްބަތްވީތީކަމަށެވެ. އަދި އެ ވަޒަނަށް ތިމާގެ ވަންހައާއި ނަސްލު ނިސްބަތްވީތީކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޤައުމިއްޔަތު ދިރުވުމަކީ އެޤައުމެއްގެ އެންމެހައި ސިފަތަކާއި އަގުތަކަށް ލޯބިކުރުމާއި، އެޤައުމެއްގެ ކީރިތިކަމާއި ހައިބަވަންތަކަން ޤަބޫލުކުރުންކަމަށާ، ޤައުމިއްޔަތުގެ އެންމެހާ ރުކުންތައް ދަމަހައްޓާ ހިފެހެއްޓުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެބައެއްގެ ޤަބޫލުކުރުންތަކާއި ހަމަތަކަށް އިހްތިރާމްކުރުމަށް. އެބަޔަކާ ލާމެހިފައިވާ ހުރިހާ ކަމަކާމެދު އަގަލާއި ކުލުނު އުފެއްދުމަށް. މި ހަމައިން ޤައުމާމެދު ދެކެން ފަށައިފިނަމަ އެ ޤައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ޤައުމިއްޔަތަށްވުރެ އަގުހުރި ޖައުހަރެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޤައުމެއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ އެބައެއްގެ މެދުގައި އޮންނަ ހަމަޖެހުމާއި ސުލްހަމަސަލަސްކަންކަމަށް ވިދާޅުވެ ލާމެހިފައިވާ މި ދުނިޔޭގައި އެހެން ޤައުމުތަކާއެކު ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމަކީ ޤައުމު ދިފާޢުކުރުމަށްޓަކައި ބޭނުންތެރިކަމެއްކަމަށް ވިދާޅުވިއެވެ. ޤައުމީ ވަންތަކަމާއި ޤައުމީ ރޫހު އާލާކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއްކަމަށާ، އެންމެން މި އުޅެނީ ފުރިހަމަ މިނިވަންކަމާއި ހައްގުތައްވެސް ލިބިގެން ހުޅުވާލެވިފައިވާ ޑިމޮކްރެޓިކް ޖައްވެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.

ޑިމޮކްރަސީއެއް ދެމެހެއްޓުމާއެކުވެސް އެންމެ މުހިންމު ކަމަކީ ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުންކަމަށާ، އެއްބަސްވެފައިވާ އެންމެހައި ކަންކަމަށް އެންމެން ތަބާވެ، ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައި ހުންނަނީ އެންމެހައި ފަރުދުންގެ ހައްގުތައް ރައްކާތެރިކޮށް މުޖުތަމައުގެ ހަމަޖެހުމާ މުޅި ޤައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްކަން ޤަބޫލުކުރުމަށް ރައީސް ގޮވާލެއްވިއެވެ.

"ކޮންމެ ނިޔަތެއްގައިނަމަވެސް ޤާނޫނީ އިމުން ނެއްޓިގެން ކުރާ އެއްވެސް ކަމަކުން މުޖުތަމައުގެ މަސްލަހަތެއް ނުހިފެހެއްޓޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮންމެ މީހަކީވެސް ޤާނޫނަށް ހުރުމަތްކޮށް ހިތާ، މުޖުތަމައުގެ މަސްލަހަތަށް އިސްކަންދޭ މީހަަށްވުމަށް އިލްތިމާސްކުރައްވާފައެވެ. އޭރުން ކޮންމެ މީހަކީވެސް ޤައުމިއްޔަތުގެ މަތީ ސާބިތުވެހުރި މީހަކަށް ވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.