ވިޔަފާރި

ލ.ގަމުގައި ބީއެމްއެލްގެ ގޮތްޕެއް ހުޅުވަނީ


ލ.ގަމުގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ހުޅުވުމަށް ހަމަޖެހިއްޖެއެވެ. މިކަމަކީ ގަމުގެ އާންމު ރައްޔިތުންނަށް އެތައް ލުއި ފަސޭހަ ތަކެއް ލިބި، ރަށުގެ އިގްތިސާދަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ. ގަމު ކައުންސިލުން ވިދާޅުވީ، ބޭންކެއްގެ ޚިދުމަތް ފެށުމަށްޓަކައި، ރީޖަނަލް ހޮސްޕިޓަލް ކައިރިން ބިމެއް ކަނޑައަޅާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.  ގަމު ކައުންސިލްގެ ރައީސް، މުހައްމަދު ސިޔާމް ވިދާޅުވީ، އެ ބިން ބޭންކް އޮފް މޯލްޑިވްސްއަށް އެއްވެސް އަގަކާއި ނުލާ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.ހައްދުންމަތީ ގަމުގައި ހަތަރު ހާހެއްހާ މީހުން ދިރިއުޅެމުންދެއެވެ. ރަށުގެ ގިނަ މީހުންނަކީ މަސްވެރިކަމާއި، ދަނޑުވެރިކަން އަދި ގެސްޓް ހައުސް ވިޔަފާރި ފަދަ މަސައްކަތްތަކަށް ދިރިއުޅުން ބަރޯސާކޮށްގެން، އެ މަސައްކަތްތައް ކުރުމުގައި ދެމިތިބި ބައެކެވެ. އެރަށުގެ ބައެއް އާންމުން ފާހަގަކުރި ގޮތުގައި ރަށުގައި ކުރެވޭ އިގްތިސާދީ އެފަދަ މަސައްކަތްތައް އިތުރުވެ، ފައިސާގެ މުއާމަލާތްތައްކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެހެން ކަމުން ބޭންކެއްގެ ޚިދުމަތް އެރަށަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް އެ ފަރާތްތަކުން ފާހަގަކުރިއެވެ. ލ.ގަމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރު އަލަށް ބްރާންޗްތައް ހުޅުވާ ހަތަރު ރަށުގެ ތެރޭގައި ދެން ހިމެނެނީ ނ.ހޮޅުދޫ، ނ.ވެލިދޫ އަދި ތ.ގުރައިދޫއެވެ. ބޭންކުން ބުނީ މި ރަށްތަކުގައި ގާއިމުކުރާ ބްރާންޗްތަކުގައި ކައުންޓަރުތަކެއް ނުހުންނާނެ ކަމަށާއި، އޭގެ ބަދަލުގައި ހުންނާނީ ފައިސާ ނަގައި އަދި ޖަމާކުރާ އޭޓީއެމްތަކެއް ކަމަށެވެ.  މިފަދަ ބްރާންޗްތަކުން ވެސް އެކައުންޓް ހުޅުވައިދިނުމަށާއި ލޯނު އަދި ކްރެޑިޓް ކާޑް ޑެބިޓް ކާޑު ހޯދުމަށް ހުށަހަޅާ ފޯމްތައް ބަލައިގަންނަން މުވައްޒަފުން ތިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.