ޚަބަރު

ޤައުމު ކުރިއަރައި ދާނީ ޢިލްމީ ޤާބިލު މީހުން އުފެދިގެން: ޢިމްރާން


ޤައުމުތައް ކުރިއަރައި ދާނީ ހަމައެކަނި އެގައުމުގެ ބިމުގެ ބޮޑުކަމާއި އާބާދީގެ ބޮޑުކަމަކުން ނޫންކަމަށާ، ޤައުމު ކުރިއަރައިދާނީ ހޯދިފައިވާ އިލްމީ ޤާބިލްކަމުގެ ފުރިހަމަކަމާއި މަސައްކަތްތެރިކަމާއި ހިތްވަރުންކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމީ އިނާމު ދިނުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރގެ ޢިމްރާން ޢަބްދުﷲ ވަނީ، ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރައިދާނީ ޤައުމުގެ ދަރިންގެ ހިތުގައި އޮންނަ ޤައުމީ ލޯބީގެ އާރޯކަމާއި ބަދަހިކަމާއި ވަރުގަދަކަމުގެ ސަބަބުންކަން ފާހަގަކުރައްވާ، ޤައުމަށް ކޮށްދެއްވިފައިވާ ޚިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުންކަމަށް ވިދާޅުވެފައެވެ. ޤައުމަށްޓަކައި ވަމުންދާ ދިފާއީ އަދި ޤައުމީ ޤުރުބާނީތަކާއި, ފިދާތަކުގެ މަތިވެރިކަމުގެ ސަބަބުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ދަރިން ޤައުމަށް ހޯދައިދޭ ރީތިނަމާއި, ޤައުމަށްޓަކައި ކޮށްދޭ ޚިދުމަތްތަކާއި, ޤައުމަށް ހޯދައިދޭ ޝަރަފާއި ޢިއްޒަތުގެ އަގުވަޒަންކޮށް ޤައުމީ ފެންވަރުގައި ފާހަގަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާގެ އަތްޕުޅުން އިނާމް ލިބުން އެއީ ޤައުމީ ދަރިއެއްގެ ޙަޔާތުގައި ލިބޭނެ އެންމެ ފުރިހަމަ އެންމެ ޝަރަފްވެރި ކާމިޔާބީކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ.

"ޤައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރައިދަނީ ހަމައެކަނި އެގައުމުގެ ބިމުގެ ސަރަޙައްދުގެ ބޮޑުކަމަކުންނޫން. އެގައުމެއްގައި ދިރުއުޅޭ އާބާދީއެއްގެ ބޮޑުކަމަކުންވެސްނޫން. އެމުޖުތަމައުއެއްގެ އަފްރާދުންގެ އީމާންކަމުގެ ސާފްކަމާއި, ސާބިތުކަމުން. އެބައިމީހުން ޤަބޫލުކުރާ ހަމަތަކާއި, އުސޫލުތަކުގެ ވަރުގަދަކަމުން. ހޯދިފައިވާ އިލްމީ ޤާބިލްކަމުގެ ފުރިހަމަކަމުން. އެބައެއްގެ ކިބައިގައި އަށަގެންފައިވާ މުރާލިކަމާއި, މަސައްކަތްތެރިކަމާއި, ހިތްވަރާއި އަޒުމުގެ ވަރުގަދަކަމުން. އަށަގެންފައިވާ ރިވެތި އަހުލާގުގެ މަތިވެރިކަމުން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކުޑަކުޑަ ޤައުމުގެ ބިމުގެ ސަރަހައްދު ކިތަންމެ ކުޑަނަމަވެސް އަދި އާބާދީ ކިތަންމެ ކުޑަނަމަވެސް މިމަތިވެރި ސިފަތައް އަށަގެންނެވިއްޖެނަމަ މިޤައުމަކީ އެހެން ޤައުމުތަކުގެ ކުރިމަތީގައި އަގުހުރި ނަމޫނާ މިސާލީ ބަޔަކަށް ވާނެކަމަށެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، މި ވަޠަން މާތްވެގެންވާ އިސްލާމް ދީނުގެ ސައްޙަ އަޤީދާގެ މަތީގައި، ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ޤާއުމީ ވާޖިބެއްކަމަށެވެ.

މިވާޖިބު ފުރިހަމައަށް އަދާކުރެވޭނީ އަމިއްލަ ފަރުދީ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށްގެންކަމަށާ، މުޅި މުޖުތަމައުގެ މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްގެންކަމަށްވެސް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. މާތްވެގެންވާ އިސްލާމްދީން މަގުދައްކައިދެނީވެސް އެގޮތަށްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.