ޚަބަރު

އެންޑީއޭގެ އަމާޒަކީ ފަރުވާ ދިނުމުގައި ތަފާތު ދެއްކުން!


މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ހިންގާ ރިހިބިލިޓޭޝަން ފަރުވާއަށް އެދިފައިވާ މީހުންގެ ލިސްޓު ވަރަށްދިގުކަމަށާ، އަމާޒަކީ ކުރިއަށްއޮތް ހަ މަހެއްހައި ދުވަހުގެ ތެރޭގައި ލިސްޓުކުޑަކޮށް ތަފާތު ދެއްކުންކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވެއްޖެއެވެ.

އެންޑީއޭގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އައު ސީއީއޯއެއް އައްޔަންކުރުމާއި ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރމަން އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާޢު ޝަރީފް ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ ހޯދުމަށް އެދިފައިވާމީހުންގެ ލިސްޓު ވަރަށް ދިގުކަމަށެވެ. އެކަމުގައި ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ބޭނުންވާ ޢަދަދަށް މުވައްޒަފުން ނެތުމާއި، ވަސީލަތްތައް މަދުވުންކަމަށް ޝަމާޢު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މި ދާއިރާގެ ފަންނީ މުވައްޒަފުން ލިބުމުގައި ދަތިތަކެއް ހުރިކަމަށްވެސް ޝަމާޢު ވިދާޅުވިއެވެ. ނަމަވެސް އެގޮންޖެހުންތައް ޙައްލުކޮށް، މުޅިފަރުވާގެ ނިޒާމު ރަނގަޅުކުރުމަށް ގިނަ ޕްލޭންތަކެއް ހުރިކަން ޝަމާޢު ފާހަގަކުރެއްވިއެވެ.

"ވެއިޓް ލިސްޓް ވަރަށް ދިގު. އަޅުގަނޑުމެން ބޭނުންވާ ޢަދަދަކަށް ސްޓާފުންނެއް ނެތް. އަޅުގަނޑުމެން މިއަދު މި ކުރަނީ 2011ގައި ކުރަން ޖެހޭ މަސައްކަތް. މިއަދު އަޅުގަނޑުމެން އެންޑީއޭ އަލުން އުފައްދަން މިޖެހުނީ 2011ގައި ޤާނޫނު ތަސްދީޤުކުރި ދުވަހު ކުރަންޖެހުނު މަސައްކަތް މިއަދު ކުރަން ޖެހިފައި މިއޮތީ. ބައިވަރު ގޮންޖެހުންތައް އެބަހުރި. އެކި ދުވަސްވަރު ތިބި އެކި މީހުންނަށް ގޮންޖެހުންތައް ދިމާވާނެ. މާލީ ގޮތުންވެސް އެކި ދަތިތައް ހުންނާނެ. ޚާއްޞަކޮށް ސޯޝަލް ސެކްޓާއަކީ. ތިބޭފުޅުން ބެއްލެވީމަ އެނގޭނެ ގެޒެޓުގައި އެންޑީއޭއިން މުވައްޒަފުން ހޯދަން އިއުލާންކުރާ މިންވަރު. އިދާރީ މުވައްޒަފުންނެއް ނޫން. ކްލިނިކަލް މުވައްޒަފުން. ކައުންސިލަރުން، ސޯޝަލް ވޯކަރުން.
އަތޮޅުތަކުން ހިންގާ މަރުކަޒުތަކަށް ކައުންސިލަރުންނާއި ސޯޝަލް ވޯކަރުން ނުލިބޭ. ބޭނުންވާ ޢަދަދާ ގާތަށްވެސް ނުލިބޭ." ޝަމާޢު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ ހޯދުމަށްއޮތް ދިގު ލިސްޓު ކުޑަކުރުމަށް ގެންނަ އެންމެމުހިންމު އެއް ބަދަލަކީ މީހުން އެސެސްކުރާގޮތަށް ގެނައި ބަދަލުކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ ފަރާތަކީ އެ މުޖުތަމަޢުއެއްގެ ތެރޭގައި ބަހައްޓައިގެން ފަރުވާދެވިދާނެ މީހެއްތޯ ކަނޑައަޅަނީ އެން.ޑީ.އޭއިން ޚާއްސަ އެސެސްމެންޓެއް ހަދައިގެންނެވެ. އެގޮތުން މީހުން އެސެސްކުރާ ގޮތަށް މިހާރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް ޝަމާޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ފަރުވާދޭ މަރުކަޒުތަކަކީ 172 މީހުންގެ ޖާގައިގެ ތަނެއްކަމަށާ، ނަމަވެސް ވެއިޓިން ލިސްޓުގައި ހާހުން މީހުން ތިބިކަމަށެވެ. ނަމަވެސް ސީދާ ޢަދަދެއް ޝަމާޢު ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވި ފަރުވާ ހޯދުމަށް މަރުކަޒަކަށް ފޮނުވާ މީހަކު އެންމެ މަދުވެގެން ފަރުވާ ދިނުމަށް 3 މަސްދުވަސް ހޭދަވާކަމަށެވެ. ޝަމާޢު ވިދާޅުވި ނިޒާމަށް ގެންނަ އަނެއް ބަދަލަކީ ކޮމިއުނިޓީ ޕްރޮގްރާމްތައް އަތޮޅުތަކަށް ފުޅާކުރުންކަމަށެވެ. ކޮމިއުނިޓީ ރިހެބިލިޓޭޝަން ސަރވިސްއަކީ މަސްތުވާތަކެތި ބޭނުންކުރާ ނުވަތަ ޕެޑްލްކުރާ ފަރާތްތައް މުޖުތަމަޢުގެ ތެރޭގައި ބަހައްޓައިގެން ފަރުވާދީ، މުޖުތަމަޢުއަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ ނެރުމަށް ނެޝެނަލް ޑްރަގް އެޖެންސީން ކުރިއަށްގެންދާ ފަރުވާގެ ޕްރޮގްރާމެކެވެ. އަދި ޓާޝަރީ ހޮސްޕިޓަލުތަކުގައި ތިބި ޑޮކްޓަރުންނަށްވެސް މިދާއިރާއިން ތަމްރީން ޕްރޮގްރާމްތަކެއް ހިންގަން ފެށުމަށް ތައްޔާރުވެފައިވާކަމަށް ޝަމާޢު ވިދާޅުވިއެވެ.

"ފަރުވާގެ ނިޒާމް ސުމަކަށް ތިރިކުރެވުނު ޤައުމެއްވެސް ނޯންނާނެ. 100 ޕަސެންޓް ކާމިޔާބުވީ ޤައުމެއްވެސް ނޯންނާނެ. އެހެންނަމަވެސް ދުނިޔޭގެ ކާމިޔާބުކޮށް މިކަން ކުރިއަށް ގެންދާ ތަންތަނެކޭ އެއްގޮތަށް ސިއްހީ ނިޒާމުގެ ތެރެއިން މިކަން ކުރެވޭނެ ގޮތެއް ވެއްޖެނަމަ 186 ހެލްތު ފެސިލިޓިން ކޮންމެވެސް ފަރުވާއެއް ލިބޭނެ. އޭރަކަށް މާލެ އަންނާކަމަށް ނުޖެހޭނެ. މިލހާރު ކނަްތައް އޮތްގޮތުން މާލެ އައިސްގެން ނޫނީ ފަރުވާއެއް ނުލިބޭނެ. މިހާރު މިމަސްތުވާތަކެތި ނުފޯރާ ރަށެއް ނެތް. އެތަންތާ ފަރުވާއެއްނެތް." ޝަމާޢު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އެންޑީއޭގެ މަސައްކަތްތަކުން ތަފާތު ދައްކާނެކަމަށެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ހައްލުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމަޢަށް ނެރުމަށް ޚާއްޞަ ސިޔާސަތުތަކެއް އަންނަނީ އެކަށައަޅަމުންނެވެ.

2011ވަނަ އަހަރު އެކުލަވާލައި އަމަލުކުރަން ފެށި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން އުފެދުނު ނޭޝަންލް ޑްރަގް އެޖެންސީއަކީ އެކަމުގެ އެންމެ ބޮޑު މަސްޢޫލިއްޔަތު ހަވާލުކޮށްފައިވާ އިދާރާއެވެ.

އެންޑީއޭގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިާޔސަތުތައް ތަންފީޛުކުރުން ހިމެނެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރުމަކީވެސް އެންޑީއޭގެ މަސްޢޫލިއްޔަތެއްކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.