ޚަބަރު

މިއަހަރު އަޑުގެ ޓްރާންސްމިޝަން ސައިޓް ޤާއިމްކޮށް ނިމޭނެ


ތިލަފުށީގައި ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޝަން ސައިޓެއް ޤާއިމްކުރުމުގެ މަސައްކަތް މި އަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެކަމަށް ޕަބްލިކް ސަރވިސް މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް މިހެން ވިދާޅުވީ
ބައިނަލްއަޤްވާމީ ރޭޑިއޯ ދުވަހުގެ މަހާސިންތާ ހުޅުވުމުގެ ރަސްމިޔާތުގައި
ވާހަކަފުޅުދައްކަވަމުންނެވެ. 

މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ސަރވިސް މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޝަން ސައިޓް ތިލަފުއްޓަށް ބަދަލުކުރުމަކީ ވަރަށް މުހިއްމު މަޝްރޫޢެއްކަމަށެވެ. އަދި، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ މެދެއްހާ ހިސާބުގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ޚަލީލް ވިދާޅުވިއެވެ." މި ޓްރާންސްމިޝަން ސައިޓް ޤާއިމްކޮށް ނިމޭއިރު ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް އުތުރުން ދެކުނަށް ޑިޖިޓަލްކޮށްނާއި އެނެލޮގްކޮށް އެއްފަހަރާއި ލިބިގެންދާނެ" ޚަލީލް ވިދާޅުވިއެވެ.މި މަހާސިންތާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޕީ.އެސް.އެމްގެ ޗެއަރމަން އިބްރާހީމް އުމަރު މަނިކުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް އުމަރު މަނިކުވަނީ މިފަދަ މަހާސިންތާއެއް ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެެވެ. އަދި، މިއީ މިފަދަ މަހާސިންތާއެއް ބޭއްވުމަށް ވަރަށް ރަނގަޅު ވަގުތެއްކަމަށް ޤަބޫލް ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.މި މަހާސިންތާގައި 3 ކަރުދާހެއް ހުށައަޅާ މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ އިޖްތިމާޢީ ތަރައްޤީއާއި ރޭޑިޔޯ، ކާރިސާއާއި ކުއްލި ޙާލަތުގެ ވަގުތުގައި ރޭޑިޔޯ އަދި ނިއުމީޑިޔާ އެންޑް އިނޮވޭޝަނާއި ގުޅޭ ކަރުދާހެކެވެ. މީގެ އިތުރުން މި މަހާސިންތާގެ ތެރޭގައި ރޭޑިޔޯ ޖަމިއްޔާއެއް އުފެއްދުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމް، ވީއެފްއެމް، ކެޕިޓަލް ރޭޑިޔޯ އަދި އެޓޯލް ރޭޑިޔޯއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.