ޚަބަރު

ޑްރަގް ވިޔަފާރިއަށް ޕާކިސްތާނުގައި "ރަހުނު" ކުރި މީހަކު އެނބުރި އައުމުން ހައްޔަރު


މަސްތުވާތަކެތީގެ ވިޔަފާރީގައި ޕާކިސްތާނުގައި ރަހީނުކޮށްފައި ހުރި ދިވެހި ފިރިހެނެއް މިނިވަންވެ ރާއްޖެ އައުމުން ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމާއި، އެކަމުގައި އެހީތެރިވުމުގެ ތުހުމަތުގައެވެ.

މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު މުއްދަތު ޖަހަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ އެ ގައުމަށް އޭނާ ފޮނުވާލާފައި ވަނީ އޮޅުވާލައިގެން ކަމަށެވެ. އަދި ދިޔަ ތަނާ އެ ގައުމުގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގަކުން އޭނާ ރަހީނުކުރީ ކަމަށާއި، އެކަމާ އޭނާ އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އޭނާ ބުނިގޮތުގައި ރާއްޖެ އައީ ވެސް ފިލައިގެންނެވެ.

އެކަމަކު މިކަމުގައި ފުލުހުން އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ. އެގޮތުން މަސްތުވާތަކެތީގެ މިފަދަ ވިޔަފާރިތަކުގައި މީހުން ރަހީނުކޮށްގެން ގެންގުޅެނީ އެތެރެކުރާ ގައުމާއި ވިއްކާ ގައުމާ އެކު އޮންނަ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކޮށް އެ ވިއްކާ ފައިސާ ހަމަކޮށް ދެއްކެންދެން، މި ގައުމުން މީހަކު ރަހީނުކޮށްފައި ބަހައްޓައެވެ. އެހެންވެ ފުލުހުން ތުހުމަތުކުރަނީ އޭނާ އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އެހީވެ އަދި އެ ތަކެތި އެތެރެކުރަން މަސައްކަތްކުރި މީހެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށް ފުރަތަމަ 5 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، އެ މުއްދަތު ހަމަވެގެން ދެން ގެންދިއުމުން ދިނީ 10 ދުވަހެވެ. ކޯޓުން އޭނާ އަށް ގިނަ ދުވަހުގެ މުއްދަތެއް ޖަހާދީފައި ނުވަނީ ވަކީލަކު ހަމަޖެހިފައި ނުވާތީ އާއި ތުހުމަތުވާ މީހާގެ އަތުން އެއްވެސް މަސްތުވާއެއްޗެއް ފެނިފައި ނުވާތީއެވެ.