ޚަބަރު

އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި


އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރި އަންނަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން ހުށަހެޅީ 95 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމެޓީން ފާސްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާއި މަޝްވަރާ ކުރުމަށްފަހު 93.4 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ 61 މިލިޔަން ރުފިޔާ އަކީ އޮފީސް ހިންގުމާއި، ހަރުމުދާ ގަތުމަށް ކަނޑައެޅި ބަޖެޓެވެ. އަދި 32 މިލިޔަން ރުފިޔާ ވަނީ ކެޕިޓަލް ޚަރަދުގެ ގޮތުގައި ހަމަޖެއްސުމަށް ފާސްކޮށްފައެވެ.

ބަޖެޓް ހުށަހަޅަމުން އޮޑިޓް އޮފީހުން ވިދާޅުވީ އަންނަ އަހަރު އެއޮފީހުން 327 އޮޑިޓެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އޮޑިޓްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާ އޮޑިޓްތަކުގެ ތެރޭގައި މުޅި ދައުލަތުގެ އޮޑިޓް ކަނޑައެޅިފައިވާ ތާރީޚުގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި 88 ކައުންސިލެއް އެއޮފީހުން އޮޑިޓް ކުރާއިރު، ބާކީހުރި ކައުންސިލްތައް އައުޓްސޯސްކޮށްގެން އޮޑިޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ އޮޑިޓްތަކުގެ ތެރޭގައި ސަރުކާރުން އެކި ފަރާތްތަކަށްދޭ ގެރެންޓީ އޮޑިޓާއި، އެސްއޯއީތަކުގެ އޮޑިޓާއި، 4 ޕަބްލިކް ފަންޑު އޮޑިޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫޢުތަކަކީ އޭގެ ސަބަބުން ކިހާވަރަކަށް ފައިދާ ކުރާނެ މަސައްކަތްތަކެއްތޯ ބެލުމަށްވެސް އޮޑިޓް ކުރާނެކަމަށެވެ.

އެއޮފީހުން ވިދާޅުވީ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ކުރިއަށް ދިއުމަށް ކަމަށް ޤާބިލް މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ކުރެވޭ މަސައްކަތުގެ އިތުބާރު ހިފެހެއްޓޭގޮތަށް އޮޑިޓްގެ މަސައްކަތް ކުރުމަށް ކަމަށެވެ. މިދިޔަ އަހަރަށް އޮޑިޓް އޮފީހަށް ފާސްކޮށްފައިވަނީ 90 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.