ޚަބަރު

ހެރިޓޭޖް އައިލޭންޑުން ޘަޤާފަތާ ބެހޭ މުހިއްމު މަޢުލޫމާތުތަކެއް


ހުޅުމާލޭގައި ތަރައްޤީކުރައްވާ ހެރިޓޭޖް އައިލެންޑް ނުވަތަ ކަލްޗަރަލް ވިލެޖް ވެގެންދާނީ ހުޅުމާލެއަށް ޒިޔާރަތްކުރާ ރާއްޖެއާ އަދި ބޭރުގެ ފަރާތްތަކަށް، ރާއްޖޭގެ ތާރީޚާއި ޘަޤާފަތާ ބެހޭގޮތުން މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ހިތްފަސޭހަ ތަނަކަށްކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ. ހެރިޓޭޖް އައިލެންޑް ތަރައްޤީކުރެއްވުމަށް ހަމަޖައްސަވާފައިވަނީ ކުރިން ކްލަބް މެޑް ހިންގި ފަރުކޮޅުފުށީގައެވެ. މިއީ ކުރިން ހުޅުމާލެ ކައިރީ އޮތް ރިސޯޓެއް ނަމަވެސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކިއިރު މިރިސޯޓާ އެއްކޮށް ބިން ހިއްކާ، ރިސޯޓާއި ހުޅުމާލެއާ ވަނީ އެއްފަސްގަނޑަކުން ގުޅިފައެވެ. ކުރިން ރިޒޯޓެއް ހިންގާފައިވާ މިރަށުގައި އޭރުގެ ގެސްޓްރޫމްތަކާ މިނޫންވެސް ޢިމާރާތްތައް އަދިވެސް އެބަހުއްޓެވެ. އެހެންނަމަވެސް އެޗްޑީސީން ބުނީ މިތަން ތަރައްޤީކުރެވޭއިރު ބައެއް އިމާރާތްތައް ބޭނުންކުރެވޭނެކަމަށާ، ނަމަވެސް މިތަނުގެ ކޮންސެޕްޓްގައި މީހުން ހިތްހަމަ ޖައްސާލުމަށް ހުސްބިންތައް މިތަނުގައި ގިނަކުރުމަށް އިސްކަންދީފައިވާނެކަމަށް ސައިމަން ވިދާޅުވިއެވެ.އެޗްޑީސީން ހެރިޓޭޖް އައިލެންޑް ކޮންސެޕްޓް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިތަނަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ރާއްޖޭގެ ތާރީޚާ ގުޅިފައިވާ އާޘާރީ ތަކެތި ގެނައުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން މިހާރުވެސް ސަލްޓަންޕާކްގައި ހުރި ކަޅުވަކަރު މިސްކިތް ކަލްޗަރަލް ވިލެޖަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާއިރު ކަޅުއޮއްފުންމި ނަމޫނާއަކަށް ބަލައިގެން ބަނދެފައިވާ އޮޑިވެސް އެޗްޑީސީން ހެރިޓޭޖަށް ގެނެސް ޑިސްޕްލޭކުރެވިދާނެ ގޮތްތަކާގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް އެޗްޑީސީން ބުނެއެވެ.ހުޅުމާލޭއަކީ އާބަން ޓުއަރިޒަމްއަށް ޚާއްޞަ، ދުނިޔޭގެ އެހެންޤައުމުތަކުގައިވެސް ހިމެނޭ ކަންތައްތައް ހިމެނިގެންދާނެ ތަނެއްކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން ހެރިޓޭޖް އައިލެންޑް ވެގެންދާނީ ފަތުރުވެރިންނާއި ރާއްޖޭގެ ޘަޤާފަތް ދައްކުވައިދޭނެ ތަނަކަށްވެސްމެއެވެ. އެޗްޑީސީން ބުނީ ކަލްޗަރަލް ވިލެޖްގައި މިހާރު ލޭންޑްސްކޭޕިން ޓީމުން އެތަނުގައި ގަސްހެއްދުންފަދަ މަސައްކަތްތައް ފަށައިގެން ކުރިޔަށްގެންދާކަމަށެވެ. އަދި އެރަށަށް ކަރަންޓާއި ފެން ވަކިން ދެވޭނެ އިންތިޒާމް ހަމައްޖައްސާ އެތަން މެނޭޖްކުރާނެ ގޮތްތައް ހޯދަމުންދާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.