ޚަބަރު

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު އޮމާންގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށްފި


ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އޮމާންގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރައްވައިފިއެވެ.

ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވަނީ އޮމާން ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮމްޕެނީ، އޮމްރާންގެ ސީ.އީ.އޯ ހާޝިލް ބިން އުބައިދު އަލް މަހްރޫޤީއާއި، އޮމާން އިންވެސްޓްމަންޓް އޮތޯރިޓީ، އޯ.އައި.އޭގެ މަންދޫބުންނާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފޮރިން މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.

އޮމާރާންއަކީ އޮމާންގެ 2040 ވަނަ އަހަރުގެ ނޭޝަނަލް ޓޫރިޒަމް ސްޓްރެޓެޖީގައި ހިމެނޭ މަޤްޞަދުތައް ހާސިލުކުރުމުގެ ޒިންމާ އުފުލާ މައި ކުންފުންޏެވެ. އަދި އޮމާން އިންވެސްޓްމަންޓް އޮތޯރިޓީއަކީ އޮމާންގެ ސޮވެރިން ވެލްތް ފަންޑާއި، ތެލާއި ގޭހުގެ އާމްދަނީން ލިބޭ ފައިދާއިން އިންވެސްޓްމަންޓްތައް ހިންގާ މައި އިދާރާއެވެ.

އޮމްރާންގެ ސީ.އީ.އޯ އަދި އޮމާން އިންވެސްޓްމަންޓް އޮތޯރިޓީގެ މަންދޫބުންނާއެކު، އޮމާން އިންވެސްޓްމަންޓް އޮތޯރިޓީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް ޞާލިޙްގެ އިޤްތިޞާދީ އެޖެންޑާއާއި، ކޯވިޑް-19 އަށްފަހު އިޤްތިޞާދު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތާ ބެހޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގައި އިންވެސްޓްކުރުމުގެ ފައިދާތައް ބަޔާންކުރައްވައި، ދެކުނު އަދި އުތުރުގެ ސަރަޙައްދުތައް ހިމެނޭގޮތަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ތަފްޞީލު ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮމްރާންގެ ސީ.އީ.އޯ މަހްރޫޤީ ވިދާޅުވީ، ރާއްޖޭގައި ހުރި ފުރުސަތުތަކަކީ އޮމާންގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރި ފުރުސަތުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ޝަޢުގުހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ކުރިއަށްގެންދިއުމަށްޓަކާ އެޅެންހުރި ފިޔަވަޅުތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި، ދިވެހިރާއްޖެއިން އޮމާނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ފާޠިމަތު ނަޖުވާ ބައިވެރިވެވަޑައިގެންނެވިއެވެ. އަލް މަހްރޫޤީގެ އަރިހުގައި އިކޮނޮމިކް ޑައިވަރސިފިކޭޝަން އިންވެސްޓްމަންޓްސްގެ މެނޭޖަރ ޑރ. ލުބްނާ ބަދަރު އަލް މަޒްރޯއީ އާއި އޮމާން އިންވެސްޓްމަންޓް އޮތޯރިޓީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.