ޚަބަރު

ކުޑަކުދިންނަށް ކުރާ ދައުވާތައް އަނބުރާ ގެނެވޭނެ ނިޒާމެއް ޤާއިމްކޮށްފި


ޑައިވާޝަން ޕްރޮގުރާމެއްގައި ބައިވެރިކުރަން އެއްބަސްވެފައިވާ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންނަށް ކުރާ ދައުވާތައް އަނބުރާ ގެންދެވޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފިއެެވެ.

ޑައިވާޝަންގެ ޕްރޮގްރާމްގެ ބޭނުމަކީ ކުށްކުރާ ކުއްޖާއަށް ކުށްތަކަށް އަރައި ގަތުން ދުރުހެލިކޮށް، މަޢާފަށް އެދުމުގެ ފުރުސަތު ހޯދައިދީ ކުށްތައް ތަކުރާރުވިޔަ ނުދިނުމުގެ ދުރުސަތު ތަނަވަސް ކުރުމެވެ.

ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 18 ވަނަ މައްދާއަށް ގެނައި އިސްލާހުގެ ސަބަބުން ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމަށް ކަނޑައެޅިފައިވާ ހާލަތެއްގައި އެ މައްސަލައަކީ ޑައިވާޝަން ޕްރޮގުރާމަށް ފެތޭ މައްސަލައެއް ކަމުގައިވާނަމަ ޑައިވާޝަން ޕްލޭނާއިއެކު އެމުއްދަތުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

ގަވާއިދަށް އިތުރުކުރި ބައިގައި ބުނެފައިވަނީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޑައިވާޝަން ފުރުސަތު ލިބޭ ކުއްޖަކަށް ޕީޖީއާއެކު ޑައިވާޝަން އެއްބަސްވުމެއް ހަދާ ހާލަތްތަކުގައި އެއްބަސްވުމުގައި ވާގޮތަށް ދައުވާ ކުރިއަށްގެންދާނަމަ ދައުވާ އަނބުރާ ގެންދެވޭނެކަމަށެވެ.

ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލުކުރާ ގަވާއިދާއި ޕްރޮސެކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދު އިސްލާހުކޮށް މިފަދަ ނިޒާމެއް ޤާއިމް ކޮށްފައިވަނީ ޖިނާއީ ކުށްތައް ކުރާ ކުޑަކުދިންނަށް ޑައިވާޝަން ޕްރޮގުރާމުތައް ހިންގަން ގޮންޖެހުންތައް ހުރުމުންކަމަށްވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.