ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ބ. އަތޮޅު ޒޯނުގެ ޗެމްޕިއަންކަން ނޮޓިލަސް މޯލްޑިވްސްއިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ނޮޓިލަސް ހޯދީ ބުދަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި މުބާރާތް ބޭއްވި ފޯ ސީޒަންސް ލަނޑާ ގިރާވަރާ ވާދަކޮށް ޕެނަލްޓީގައި 4-6 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. މި މެޗުގައި ނޮޓިލަސްއިން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ސަބާހެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު ސަބާހު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައެވެ.
މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ފޯ ސީޒަންސްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން މުޙައްމަދު ނަސްރާހު ވަނީ މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި ފޯ ސީޒަންސްއިން ނަތީޖާ އެއްވަރުކުރި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ނިފްރާހެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނޮޓިލަސް ކުރިހޯދީ 6-4 ގެ ނަތީޖާއަކުންނެވެ.
ފައިނަލް މެޗަށްފަހު ވަނަވަނައަށް ދިޔަ ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ އިނާމުދީފައެވެ. އެގޮތުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޓިލަސްގެ އަޙްމަދު ސަބާހެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޓިލަސްގެ އިސްމާޢީލް އިބްރާހީމް (އިސްމަ) އެވެ.
މި ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފޯ ސީޒަންސްގެ އަޙްމަދު އަފްނާނާއި، ޝުއުބާން އަބްދުއްރަޝީދާއި، މުޙައްމަދު އަޒީމުގެ އިތުރުން ނޮޓިލަސްގެ އަބްދުލް ކަރީމް އަޙްމަދާއި ހަސަން ހަމީދެވެ.
މި ޒޯނުގެ އެންމެ ކާމިޔާބު ޓީމު ސޮނޭވާ ފުށި ސެމީ ފައިނަލާ ހިސާބުން މުބާރާތާއި އަލްވަދާއު ކިއިރު، އެ ޓީމަކީ މި ޒޯނުގައި މުބާރާތް މިހާތަނަށް ބޭއްވި ތިން އަހަރުގެވެސް ޗެމްޕިއަން ޓީމެވެ. އެގޮތުން އެ ޓީމުން ވަނީ 2014، 2016 އަދި 2019 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ.